ސިޔާސީ

އަހަރީފީ ނުދައްކާ ކުންފުނިތައް އުވާލާ އިސްލާހު ބޭރުކޮށްލައިފި


ވިދިވިދިގެން
ދެއަހަރުވަންދެން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމަށް، ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ގާނޫނަށް ހުށައެޅި
އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.



އެ ބިލު މަޖިލީހުން ބޭރުކޮށްލާފައި ވޯޓުގައި
ބައިވެރިވި މެމްބަރުންގެ ތެރެއިން 35 މެމްބަރަކު އެ ބިލާ ދެކޮޅަށް ވޯޓް
ދެއްވައިގެންނެވެ. އެ ބިލާ އެއްކޮޅަށް ވޯޓް ދެއްވާފައި ވަނީ 23 މެމްބަރެކެވެ.



ހައްދުންމަތީ ގަމު
ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ކުންފުނިތަކާއި ބެހޭ ޤާނޫނަށް ހުށައެޅި
އިސްލާހުގައި ބުނެފައިވަނީ، ކުންފުންޏަކީ، އެކުންފުނިން ކުރުމަށް ކަނޑައަޅަފައިވާ
އެއްވެސް މުޢާމަލާތެއް ނުކޮށް އެކުންފުނި އުފެއްދި ތާރީޚުން ފެށިގެން 1
އަހަރުވެފައިވާ ކުންފުންޏަކަށް ވުމާއި، އެއްވެސް މުއާމަލާތެއް ނުކޮށް ދެއަހަރުވެ
އަހަރީ ފީ ނުދައްކައިފިނަމަ އެކުންފުންޏެއް އުވާލުމަށްް ރަޖިސްޓްރަރ އޮފްކޮމްޕެނީޒްއަށް
ކަނޑައެޅޭނެކަމަށެވެ.



މި އިސްލާހު ހުށައެޅި
ސަބަބެއްކަމުގައި ބުނެފައިވަނީ، ޓެކުސް ނިޒާމުގެ
ސަބަބުން ކުންފުނީގެ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކުންފުންޏެއް
ދެމިއޮތުމުގައި އިދާރީ ކަންތައްތަކެއް ކުރުމަށް ލާޒިމުވެ އެފަދަ ޒިންމާތައް އަދާ
ނުކުރާ ކުންފުނިތަކުން އަދާކުރަންޖެހޭ ޖޫރިމަނާތަކުގެ ސަބަބުން ވިޔަފާރީގެ
މުއާމަލާތްތައް ނުހިނގާ ކުންފުނިތައް އުވާލުމަށް ހުރަސްއެޅިފައިވާތީ ކަމަށެވެ.
މިކަމުގެ ސަބަބުން ވިޔަފާރީގެ މާހައުލަށް ނުރަނގަޅު އަސަރުކެއް ކުރާނެކަމަށް
ފެންނާތީއާއި،ބޮޑެތިއަދަދުން ޖޫރިމަނާވެ އެފައިސާ ދެއްކޭނެ ގޮތެއްނެތި، ޖޫރިމަނާ
އިތުރުވަމުންދާ ކުންފުނިތަކުގެ ތެރެއިން އުވާލުމަށް ބޭނުންވާ ފަރާތްތަކަށް ލުޔެއް
ލިބި އުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށެވެ.
މީ އިދިކޮޅު އެމްޑީޕީން ހުށައެޅި އިސްލާހެއްކަމުގައިވާއިރު، ސަރުކާރުން ވަނީ
ކުންފުންނާނއި ބެހޭ ގާނޫނަށް ބޮޑެތި އޮސްލާހުތަކެއް ގެނައުމަށް ނިންމާފައެވެ.