ވިޔަފާރި

ސްޓެލްކޯ ފެނަށް މިހާރު އޯޑަރު ދެވޭނެ


ސްޓެލްކޯ ފެނުގެ 5 ލީޓަރުގެ ފެން ކޭސްތައް މިއަދުން ފެށިގެން ވިއްކަމުންދާނެ ކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.

މާލެ ސިޓީ ފުރަބަންދަކަށް ދިޔުމާއި ގުޅިގެން ސްޓެލްކޯގެ ސޭލްސް ސެންޓަރ ބަންދުކުރުމާއެކު ފެންކޭސް ވިއްކުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް ސްޓެލްކޯ ފެން ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި، އެކުންފުނިން މިހާރު ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10އިން މެންދުރުފަހު 2 ޖެހުމާ ހަމައަށް އޯޑަރ ދެވޭނެގޮތް ހަމަޖައްސަވާފައެވެ.

އެގޮތުން އެކަމަށް ޚާއްސަކޮށްފައިވާ ހޮޓްލައިން 9110888އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް އޯޑަރ ދެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ފެން ކޭސްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ގަންނަ ފަރާތުން ކޭސްތައް ބަލާ ސްޓެލްކޯއަށް އަންނަ ގޮތަށެވެ.

ސްޓެލްކޯގެ ފެން ކޭހެއްގެ އަގަކީ، 48 ރުފިޔާއެވެ. ސްޓެލްކޯ ފެން ކޭސް ގަންނަ ފަރާތްތަކުން މަދުވެގެން 20 ކޭސް ގަންނަން ޖެހެއެވެ. ކޮންމެ 10 ކޭހަކަށް އެއް ކޭސް ހިލޭ ލިބެއެވެ. ސްޓެލްކޯގެ ފެނަކީ އިންޖީނުގެ ހޫނުން އުފެދޭ ފެން، ބޯފެނުގެ ގޮތުގައި ތައްޔާރުކޮށް، އުފައްދާފައިވާ ފެނެކެވެ. މި ފެނަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ތައްޔާރުކުރާ ފެނެއް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.