ވިޔަފާރި

ސަޓާ އެވޯޑަށް އޮންލައިންކޮށް ވޯޓުލުމުގެ މުއްދަތު އޮކްޓޯބަރ މަހަށް އިތުރުކޮށްފި


ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯޑްސްއަށް އޮންލައިންކޮށް ވޯޓުލުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ސަޓާ އެވޯޑަށް އޮންލައިންކޮށް ވޯޓުލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް19 ގެ ސަބަބުންނެވެ. މި އެވޯޑް އިންތިޒާމްކުރާ ހައިރައިޒުން ބުނީ ސަޓާ އެވޯޑަށް އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު އޮކްޓޯބަރ މަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މިއަހަރުގެ ސަޓާ އެވޯޑަށް 40 ކެޓަގަރީއަކުން 1000 ފަރާތަކުން ވަނީ ނޮމިނޭޓްކޮށްފައެވެ. މީގެތެރޭގައި ބަނގްލަދޭސް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް އަދި ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތައް ހިމެނެއެވެ.

މިއަހަރުގެ ސަޓާ އެވޯޑްވެސް ވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ގިނަ އެސޯސިއޭޝަންތަކަކުން އެންޑޯޒްވެސްކޮށްފައެވެ. ސަޓާ އެވޯޑްދެނީ އޮންލައިން ވޯޓިން އަދި ޖަޖުންގެ އެންމެ މަތީ މާކްސްލިބޭ ތަންތަނަށެވެ. ކޯވިޑް19 ގެ ސަބަބުން މިއަހަރު ސަޓާ އެވޯޑްގެ ޖަޖުންގެ މާކްސްދިނުންވެސް ވަނީ ފަސްކޮށްފައެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު 2018 ވަނަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. އަދި މިދިޔަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ.