ޚަބަރު

އެމެރިކާއިން އެހީ ކަނޑާލުމުން ޗައިނާއިން ޑަބްލިޔުއެޗުއޯގައި އިސް ދައުރެއް އަދާކުރާނެ


ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެމެރިކާއިންވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއަށް ފޯރުކޮށްދެމުންދިޔަ މާލީ އެހީތެރިކަން މެދުކަނޑާލައިފައެވެ.

ޑަބްލިޔުއެޗްއޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ފާޑުވިދާޅުވުމަކީ ސަބަބަކާނުލައި އޭނާ ކުރެއްވިކަމެއް ނޫނެވެ. ޑަބްލިޔުއެޗްއޯއަށް ކުރެވޭ ތުހުމަތަކީ ޗައިނާއިން ދައްކާ ވާހަކަތައް ޤަބޫލުކޮށް އިތުރަށް ބެލުމަކާނުލައި އެޤައުމަށް ވާގިވެރިވާކަމުގެ ތުހުމަތެވެ. ކޮރޯނާވައިރަހަކީ ގައިންގަޔަށް އަރާއެއްޗެއް ނޫންކަމަށް ޑަބްލިޔުއެޗްއޯއިން ބުނުމަކީ ކުރެވޭ ވަރަށް ބޮޑު ތުހުމަތެކެވެ. އަދި ކޮރޯނާވައިރަހުގެ މައްސަލައިގެ ބޮޑުކަން އިހުސާސްވެ، އެކަން ސިއްރު ކުރަންކުރި މަސައްކަތް ބޭޒާރުކޮށްލި ޑޮކްޓަރުންނާމެދު ޗައިނާއިން ކަންކުރި ގޮތާމެދު ޑަބްލިޔުއެޗްއޯއިން އެއްވެސް ބަހެއް ނުބުނުމުންވެސް އެޖަމްޢިއްޔާއަށް ފާޑުކިޔުން އަމާޒުވެއެވެ. މީގެ އިތުރުން ޗައިނާއިން އަންނަ މީހުން އެމެރިކާއަށް ވަނުންމަނާކުރުމުން ޑަބްލިޔުއެޗްއޯއިންވަނީ ފާޑުކިޔާފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިނގާފައިވާ ހާދިޘާތަކެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއަށް އެމެރިކާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަން ކަނޑާލުމުން އިނގިރޭސިވިލާތުންވަނީ އެޤައުމުން އިތުރަށް ފައިސާ ދޭނެކަމަށް ބުނެފައެވެ. ޙައްސާސް ދަނޑިވަޅެއްގައި އެމެރިކާއިން އެހީ ކަނޑާލުމުން، ދުނިޔޭގައި އެމެރިކާގެ ފަނޑުވެފައިވާ މަންޒަރު އިތުރަށް ފަނޑުވެގެންދާނެކަމަށް ބެލެވެއެވެ. އަދި ޗައިނާއަށް ޤައުމުތަކުން ބަރޯސާވާ މިންވަރު އިތުރުވެ، ވަކިން ޚާއްޞަކޮށް ފަޤީރު ޤައުމުތަކުން ބަރޯސާވާ މިންވަރު އިތުރުވެ، އެޤައުމުތަކަށް އޯގާތެރި ބާރެއްގެގޮތުގައި ޗައިނާ ފެނިގެން ދިއުމަކީ، ޗައިނާގެ ޤަދަރު ބައިނަލްއަޤްވާމީ ދުނިޔޭގައި އުފުލިގެންދާނެ ކަމެކެވެ. ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި އޭޝިޔާގެ ޤައުމުތަކުގެ އިތުރުން އެމެރިކާގެ ނިއު ޔޯކާއި އެފްރިކާ ބައްރުގެ އެންމެ ފަޤީރު ޤައުމުތަކަށް ޗައިނާއިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ހިންގުމަށް އަހަރަކު ދެ ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ. އެޢަދަދުގެ 22 އިންސައްތަ ހަމަޖައްސާދެނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާއިން 2019 އަދި 2020ވަނަ އަހަރު ދޭން ބުނި ފައިސާގެ ބޮޑު ބައެއް ނުދެއެވެ. މިއަހަރު ދޭން ބުނި ފައިސާގެ ތެރެއިން 580 މިލިއަން އެމެރިކާ ޑޮލަރު ނުދީ އެބައޮތެވެ. އަދި މިދިޔަ އަހަރު ދޭން ބުނި ފައިސާއިން 400 މިލިއަން އެމެރިކާ ޑޮލަރު ނުދީ އެބައޮތެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޗައިނާއިން ޑަބްލިޔުއެޗްއޯ ފޯރުކޮށްދެމުންދާ އެހީތެރިކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ފަޤީރު ޤައުމުތަކުގެ ރުހުން ލިބިފައިވާ ޗައިނާއިން ކުރިއަށްއޮތް ދުވަސްތަކުގައި އެޖަމްޢިއްޔާގައި ރަސްކަންކުރާނެކަމަށް ބެލެވެއެވެ.

ޑަބްލިޔުއެޗްއޯގެ އެންމެ އިސްވެރިޔަކީ އިތިއޮޕިއާގެ ރައްޔިތެކެވެ. ތެދްރޮސް އަދަނޮމް ގެބްރިޔޭސުސަކީ އިތިއޮޕީއާގެ ކޮމިއުނިސްޓު ސަރުކާރުގައި ޞިއްޙަތާބެހޭ ވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ފިކުރީ ގޮތުން ޗައިނާއާ ގާތް ބޭފުޅެއްކަމުގައި ބެލެވެއެވެ. އެޖަމްޢިއްޔާގެ އެންމެ އިސް މަޤާމަށް އެފްރިކާ ނަސްލުން ޢައްޔަންކުރެވުނު އެންމެ ފުރަތަމަ ބޭފުޅަކީވެސް އޭނާއެވެ. މައިކްރޯ ބައެލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވުމަށްފަހު އޭނާ މާސްޓާރސާއި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުގައެވެ. އަދި އިތިއޮޕިއާގެ އިސް މަޤާމުތަކާ އޭނާ ޙަވާލުވެވަޑައިގަތީ ކޮމިއުނިސްޓް ފިކުރުގެ ސިޔާސީ ޕާޓީއެއްގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތުމަށްފަހުއެވެ.

ތެދްރޮސްގެ ކުރިން ޑަބްލިއުއެޗުއޯގެ އެންމެ އިސް މަޤާމު ފުރުއްވާފައިވަނީ ޗައިނާއަށް އުފަން ފަހުން ކެނެޑާގެ ރަށްވެހިކަން ހޯއްދަވާފައިވާ މާގްރެޓް ޗެންއެވެ. ތެދްރޮސް މަޝްހޫރުވެވަޑައިގެންފައިވާވަނީ ޚާރިޖީ ދާއިރާގެ ގިނަ ބޭފުޅުންނަށް އޭނާ ދެކެފަރިތަވުމުންނެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި އޭނާއަށް ފާޑުކިޔުން އަމާޒުވަނީ ޑަބްލިއުއެޗުއޯގެ މެންބަރުކަން ތައިވާނަށް ނުދިނުމުންނެވެ.