ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިޔާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު ދެހަފުތާއަށް އިތުރުކޮށްފިއެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި 35,043 މީހުންނަށް ކޯވިޑް-19 ޖެހި، 1,154 މީހުންވަނީ މަރުވެފައެވެ. އިންޑިޔާގައި ކޯވިޑް-19 ފެތުރެންފެށުމުން އެޤައުމުގެ ސަރުކާރުން މާރިޗު މަހުގެ 24ވަނަ ދުވަހުވަނީ މުޅި ޤައުމު 21 ދުވަހަށް ފުރަބަންދުކޮށްފައެވެ. އޭގެ ފަހުން އެމުއްދަތުވަނީ މެއި މަހުގެ 3ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ޤައުމު ފުރަބަންދުކުރުމުގެ އެދެވޭ ނަތީޖާ ފެންނަމުންދާކަމަށް ބުނެ އިންޑިޔާގެ ދާޚިލީ ވުޒާރާއިންވަނީ ފުރަބަންދުގެ މުއްދަތު މެއި 4ން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަން އިޢުލާނުކޮށްފައެވެ. އެއާއެކު އިންޑިޔާގެ ފުރަބަންދުގެ މުއްދަތު ހަމަވާނީ މެއި މަހުގެ 17ވަނަ ދުވަހުއެވެ.
އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަނެ އެޤައުމު ތިން ބަޔަކަށް ބަހާލަން ނިންމާފައިވާކަން ދާޚިލީ ވުޒާރާއިންވަނީ އިޢުލާނުކޮށްފައެވެ.
އެގޮތުން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތައް ރަތް ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާ، މެދުމިނެއްގައި ބަލި ފެތުރޭ ސަރަޙައްދުތަކާއި ބަލި ފެތުރޭ މިންވަރު މަދު ސަރަޙައްދުތައް އޮރެންޖު އަދި ފެހި ސަރަޙައްދުތަކެއްގެގޮތުގައި ފާހަގަކުރާނެއެވެ. އޮރެންޖާއި ފެހި ސަރަޙައްދުތަކުގައި ހިމެނޭ ސަރަޙައްދުތަކުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ދޫދޭން ސަރުކާރުންވަނީ ނިންމާފައެވެ. ނަަމަވެސް ވައިގެދަތުރުފަތުރާއި ރޭލުދަތުރުތަކާއި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރުން މަނާވާނެއެވެ. އެގޮތަށް ދަތުރުކުރެވޭނީ ހަމައެކަނި ސަރުކާރުން ދޫކުރާ ޚާއްޞަ ޙުއްދައެއްގެ ދަށުންނެވެ.
އޭގެ އިތުރުން މަދަރުސާތަކާއި އެހެނިހެން ތަޢުލީމުދޭ މަރުކަޒުތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތައް ހުޅުވުމުގެ ޙުއްދައެއްވެސް ނުދޭނެއެވެ. އަދި ގިނަ ޢަދަދަކަށް ޢާންމުން އެއްވެ އުޅޭ ސިނަމާތަކާއި ޖިމްތަކާއި ވިޔަފާރި މަރުކަޒުތައްފަދަ ތަންތަންވެސް ހުޅުވުމުގެ ޙުއްދައެއް ނުދޭނެއެވެ. އަދި އިޖުތިމާޢީ އެއްވުންތަކާއި ދީނީ އެއްވުންތަކާއި ސިޔާސީ އެއްވުންތައް ބޭއްވުންވެސް މަނާވާނެއެވެ.
އިންޑިޔާގެ ހުރިހާ ސަރަޙައްދެއްގައިވެސް ރޭގަނޑު 7ން ހެނދުނު 7ށް މުހިންމު ބޭނުމެއްނެތި ބޭރުގައި އުޅުން މަނާވާނެއެވެ. އަދި 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭފަދަ ބަލި ޖެހިފައިވާ މީހުންނާއި 10 އަހަރުން ދަށުގެ ކުޑަކުދިން ޞިއްޙީ ޚިދުމަތް ހޯދުމަށާއި ޟަރޫރީ ބޭނުމެއް ފުއްދުމަށް މެނުވީ ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ.