ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ކޮމޮރޮސުން ފެނިއްޖެ


ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ކޮމޮރޮސުން ފެނިއްޖެއެވެ.

އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ފެނިފައިނުވާ ހަމައެކަނި ދެޤައުމުގެގޮތުގައި އޮތީ ކޮމޯރޮސްއާއި ލިސޮތޫއެވެ. ނަމަވެސް ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީވަނީ ފަރަންސޭސިވިލާތަށް ދަތުރުކުރިި މީހަކާ ބައްދަލުވި 50 އަހަރުން މަތީގެ ފިރިހެނަކަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރައްވާފައެވެ. ކޮމޮރޮސުން ކޯވިޑް-19 ފެނުމުން ދުނިޔޭގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތަކުގެ ޢަދަދުވަނީ 212އަށް އިތުރުވެފައެވެ. ބަލިނުފެންނަކަމަށް ބުނެފައިވަނީ 13 ޤައުމަކުންނެވެ.

ރައީސް އުސްމާނީ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޤައުމުގެ ޞިއްޙީ ފަރުވާދޭ ނިޒާމަށް ބުރަބޮޑުނުކޮށް ބަލިމަޑުކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. އެޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ ނުރަސްމީ ވަޒީފާތައް އަދާކުރާ މީހުންކަމުން ޤައުމު އެއްކޮށް ފުރަބަންދުކުރަން ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޙާލަތު އިިތުރަށް ގޯސްވާނަމަ އެފިޔަވަޅު އަޅަންޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ކޮމޮރޮސްގައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުތުން މަނާކޮށްފައެވެ.