ޚަބަރު

ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފުރަތަމަ ފަހަރަށް ތަޖިކިސްތާނުން ފެނިއްޖެ


މީގެ ކުރިން ކޯވިޑް-19 ފެނިފައިނުވާ ތަޖިކިސްތާނުން އެބަލި ޖެހިފައިވާ 15 މީހުން ފެނިއްޖެއެވެ.

ތަޖަކިސްތާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެޤައުމުގެ ވެރިރަށް ދުޝާންބެއާއި އުތުރުގެ ޕްރޮވިންސެއްކަމަށްވާ ސުޣްދުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނިފައިވާކަމަށެވެ. އެއީ އެޤައުމުގައި ބަލި ޖެހިފައިވާ ބަޔަކު ފެނުނު ފުރަތަމަ ފަހަރެވެ. އެޤައުމުގައި ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ 2000 މީހުން ޞިއްޙީ މަރުކަޒުތަކުގެ ބެލުމުގެދަށުގައި ތިބިކަމަށް އެވުޒާރާއިން ބުނެއެވެ.

9.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތަޖިކިސްތާނުގެ ސަރަޙައްދީ ރޮނގުތައްވަނީ މިދިޔަ މަހު ބަންދުކޮށްފައެވެ. އެޤައުމުގައި ބަލިމަޑުކަން ފެތުރުނަނުނިދުނަމަށް މާސްކު ބޭނުންކުރުމަށް އެޤައުމުގެ ސަރުކާރުންވަނީީ ޢާންމުންނަށް އިރުޝާދު ދީފައެވެ.

މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ފަސް ޤައުމުގެ ތެރެއިން ހަތަރުވަނައަށް ކޯވިޑް-19ގެ އަސަރުކޮށްފައިވަނީ ތަޖިކިސްތާނަށެވެ. އެސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ނުފެންނަނީ ތުރުކުމަނިސްތާނުން އެކަންޏެވެ. ތަޖިކިސްތާނުން ބަލިމަޑުކަމުގެ އަސަރު ފެނުމުން ދުނިޔޭގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތަކުގެ ޢަދަދުވަނީ 211އަށް އިތުރުވެފައެވެ. ބަލިނުފެންނަކަމަށް ބުނެފައިވަނީ 14 ޤައުމަކުންނެވެ.

ތަޖަކިސްތާނާއި ތުރުކަމަނިސްތާނުންވަނީ ކޯވިޑް-19އަށް ތައްޔާރުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ އެހީތެރިކަން ބަލައިގެންފައެވެ. ޑަބްލިއުއެޗުއޯއިން ބުނީ އެޖަމްޢިއްޔާގެ ވަފުދެއް ވަރަށް އަވަަހަށް ތަޖިކިސްތާނަށް ދަތުރުކުރާނެކަމަށެވެ.