ޚަބަރު

ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން ގިނަ ބަޔަކު ދަތުރުކުރުމަށް ތައްޔާރުވަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމުން އެސިޓީން ވައިގެ ދަތުރުކުރާ މީހުންގެ ޢަދަދު 15 ގުނަ އިތުރުވެއްޖެއެވެ.

ބެއިޖިންގުގައި އަޅާފައިވާ ފިޔަވަޅުތަކަކީ ޗައިނާގެ ނިސްބަތުންވެސް ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތަކެވެ. އެގޮތުން ބެއިޖިންގަށް އެތެރެވާ ކޮންމެ މީހަކު 14 ދުވަސްވަންދެން ކަރަންޓީނު ކުރިއެވެ. ނަމަވެސް އޭޕްރިލް މަހުގެ 29ވަނަ ދުވަހު އެފިޔަވަޅުތައްވަނީ އުވާލާފައެވެ. އެއާއެކު ބަލިމަޑުކަމުގެ އަސަރު މާބޮޑަށް ކޮށްފައިނުވާ ސަރަޙައްދުތަކުން ބެއިޖިންގަށް އަންނަ މީހުން ދެން ކަރަންޓީނެއް ނުކުރާނެއެވެ. އެހެންކަމުން ކުރިއަށްއޮތް ބަންދު ދުވަސްތަކާ ދިމާކޮށް ޗައިނާގެ ހީނަރުވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތް ތިޔާގިވާނެކަމަށް ބެލެވެއެވެ.

މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް ޗައިނާގައި ދޭ ފަސް ދުވަހުގެ ޗުއްޓީއަކީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިންފަހުން އަންނަ ފުރަތަމަ ދިގު ޗުއްޓީއެވެ. ބަންދު ދުވަސްތަކަކާ ދިމާކޮށް ބެއިޖިންގުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދޭން ނިންމުމުން، ސަރުކާރުން އެކަން އިޢުލާނުކުރުމުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބެއިޖިންގުގެ އެތައްސަތޭކަ މީހުންވަނީ އެސިޓީން ބޭރަށް ދަތުރުކުރުމަށް ޓިކެޓު ނަގާފައެވެ.

ކުރިއަށް އޮތް ޗުއްޓީ ދުވަސްތަކުގެ ތެރޭގައި ދަތުރުކުރާ މީހުންގެ ޢަދަދުން ކޯވިޑް-19ން އަރައިގަނެވުމުން ޗައިނާގެ ރައްޔިތުން ދަތުރުކުރާނެ މިންވަރު އަންދާޒާ ކުރެވެއެވެ. ފިޔަވަޅުތައް އުވާލުމުން މިހާރު ދަތުރުކުރަނީ ބަލިމަޑުކަން ފެތުރެން ފެށުމުގެ ކުރިން ވައިގެދަތުރުކުރި މިންވަރުގެ 42 އިންސައްތައެވެ.

އިންޓަނެޓު މެދުވެރިކޮށް ޓިކެޓު ވިއްކާ ކުންފުންޏެއް ކަމަށްވާ ޗައިނާގެ ކިއުނާރު ކުންފުންނިން ބުނީ ފިޔަވަޅުތައް އުވާލިކަން އިޢުލާނުކުރުމުގެ ބައިގަޑިއިރުގެ ތެރޭގައި ބެއިޖިންގުން ބޭރަށް ދަތުރުކުރުމަށް ޓިކެޓު ނެގި މީހުންގެ ޢަދަދު 15 ގުނަ އިތުރުވިކަމަށެވެ. އަދި އިިންޓަނެޓު މެދުވެރިކޮށް ހޮޓާތަކާއި ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލުތަކާބެހޭ މަޢުލޫމާތު ހޯދާފައިވާ މިންވަރުވަނީ 4 ގުނަ އިތުރުވެފައެވެ.

އަލީބާބާ ކުންފުނީގެ ފްލިގީ ބުކިން ޕްލެޓްފޯމުން ބުނީ ފިޔަވަޅުތައް އުވާލިތާ އެއްގަޑިއިރުގެ ތެރޭގައި ބެއިޖިންގަށާއި އެސިޓީން ބޭރަށް ދަތުރުކުރަން ޓިކެޓު ނެގި މީހުންގެ ޢަދަދު 500 އިންސައްތަ އިތުރުވިކަމަށެވެ.

ފިޔަވަޅުތައް އުވާލުމުން ދަތުރުފަތުރުގެ އަގުވެސްވަނީ ދެގުނައަށް އުފުލިފައެވެ. އެގޮތުން އޭގެ ކުރީ ދުވަހު 480 ޔުއާނަށް ލިބެންހުރި ޓިކެޓު ފަހުންހުރީ 1،090 ޔުއާނަށް ބޮޑުވެފައެވެ.

ގިނަ ޓުއާރ އޮޕަރޭޓަތުންނާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އެއާލައިންތަކުންދަނީ ޗުއްޓީއާ ދިމާކޮށް ޚާއްޞަ އަގުތަކުގައި ޕެކޭޖުތައް ތަޢާރަފުކުރަމުންނެވެ. ބައެއް ހޮޓާތަކުންދަނީ ތޮށްޖެހުން މަދުކުރުމަށް ކުރިއަށް ބުކިން ނަގަމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ތަންތަނުގައި މީހުން ބައިތިއްބާނީ ޖުމްލަ ޖާގައިގެ 30 އިންސައްތައަށެވެ.

ޗައިނާގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ 117 މިލިއަނަށްވުރެ ގިނަ މީހުން ކުރިއަށްއޮތް ޗުއްޓީގައި ދަތުރުކުރާނެކަމަށް ބެލެވޭކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް 23.36 މިލިއަން މީހުންނެވެ. އެޢަދަދަކީ މިދިޔަ އަހަރު ދަތުރުކުރި މީހުންގެ ޢަދަދަށްވުރެ ތިންބައިކުޅަ އެއްބައި ދަށް ޢަދަދެކެވެ.