ޚަބަރު

ކޯވިޑް-19 : ގޮންޖެހުންތަކާ ގުޅޭ ޚާއްޞަ ވެބިނާއެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބާއްވަނީ


ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށާއި އެކައުންޓެންޓުންނާއި އޮޑިޓަރުން އަދި މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަތުމުގެ މަޤްޞަދުގައި ވެބިނަރ ސީރީޒެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލައިފިއެވެ.

މި ވެބިނަރ ސީރީޒަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ދަތި ޙާލަތުގައި ވިޔަފާރިތަކާއި އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި އެކައުންޓިންގ އަދި އޮޑިޓްގެ މަސައްކަތަށް އައިސްފައިވާ ކުއްލި ބަދަލުތަކާމެދު މަޝްވަރާކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސީރީޒެއްކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

ވެބިނަރ ސީރީޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕެނަލް ޑިސްކަޝަންތަކުގެ ގޮތުގައި މައިގަނޑު ފަސް މައުޟޫއެއްގެ މައްޗަށް ބިނާކޮށްގެނެވެ. މި މައުޟޫތަކުގެ ތެރޭގައި ހިމެނެނީ "ކޯވިޑް-19 އާއި އެކައުންޓިންގ އަދި އޮޑިޓިންގ"، "ދިމާވާ ގޮންޖެހުންތަކާއި ދަސްވި ފިލާވަޅުތައް" އަދި "ގޭގައި މަސައްކަތް ކުރުން – ޓެކްނޮލޮޖީގެ ބޭނުންތެރިކަން"، ސައިކޯ-ސޯޝަލް ސަޕޯޓް އަދި އެޗް.އާރް ބެސްޓް ޕްރެކްޓިސަސްއަށް ވެސް މި ޕެނެލް ޑިސްކަޝްނަގއި އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަންތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

އާންމުންނަށް ހިލޭ ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސީރީޒްގެ ފުރަތަމަ ވެބިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:15 ގައެވެ. އަދި މި ސީރީޒް ކުރިއަށް ގެންދާނީ ޑިޖިޓަލް މީޑިއާ ޕާރޓްނަރ ދިރާގު އަދި އޮންލައިން ނިއުސް މީޑިއާ ޕާޓްނަރ ކޯޕަރޭޓް މޯލްޑިވްސް އާ ގުޅިގެންނެވެ.