ޚަބަރު

ކޯވިޑް-19އާ ގުޅޭ ޞައްޙަނޫން މަޢުލޫމާތު ފެތުރި 3،600 މީހުން އީރާނުގައި ހައްޔަރުކޮށްފި


ކޯވިޑް-19އާ ގުޅޭގޮތުން ޞައްޙަނޫން މަޢުލޫމާތު ފެރުމުގެ ކުށުގައި 3،600 މީހުން އީރާނުގައި ހައްޔަރުކޮށްފިއެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުގެ ތަރުޖަމާނު އަބުލްފަޟްލު ޝިކާޗީ ވިދާޅުވީ ކޯވިޑް-19އާ ގުޅޭ ޞައްޙަނޫން މަޢުލޫމާުތު އިންޓަނެޓުގައި ފަތުރާތީ 3600އަށްވުރެ ގިނަ މީހުން އީރާނުގެ ސިފައިންނާއި ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މީހުން ހޯދާ ހައްޔަރުކުރާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އަދި އީރާނުގެ ދުޝްމަނުން އެޤައުމާ ދެކޮޅަށް ކުރަމުންދާ ފިކުރީ ހަނގުރާމައަށް ފަރުވާލެއް ނުބެހެއްޓުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

އަބުލްފަޟްލު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެޤައުމުގެ ސަލާމަތީ ބާރުތައް އިތުރަށް ވަރުގަދަކޮށްފައިވާކަމަށާއި އީރާނުގެ އެއްވެސް ސިފައިންގެ އޮފިސަރެއް ބަލިމަޑުކަމުގެ ސަބަބުން މަރުވެފައި ނުވާކަމަށެވެ. ނަމަވެސް އީރާނު-އިރާޤު ހަނގުރާމައިގައި ބައިވެރިވި އަދި މިހާރު ސިފައިންގެ ޚިދުމަތުން ވަކިވެފައިވާ މަދު ޢަދަދެއްގެ ބަޔަކު ބަލިމަޑުކަމުގެ ސަބަބުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނަކީ މެދުއިރުމަތީ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމެވެ. އެޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 93,657އަށް އިތުރުވެ، ބަލިމަޑުކަމުގެ ސަބަބުން 5,957 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އީރާނުގެ ބައެއް ރަސްމީ އިދާރާތަކުންނާއި ޤާނޫނު ހަދާ މަޖިލީހުންވަނީ ޞިއްޙަތާ ބެހޭ ވުޒާރާއިން ޢާންމުކުރަމުންދާ ރަސްމީ ޢަދަދުތަކާމެދު ސުވާލު އުފައްދާފައެވެ.