ޚަބަރު

ހުޅުމާލޭގައި ބިދޭސީންތަކަކަށް ހަމަލާދިނީ ބަދަލު ހިފުމުގެ ގޮތުން: ފުލުހުން


މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ތިން ބިދޭސީންނަށް ވަޅިން ހަމަލާ ދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ތިން ޓޫރިސްޓަކަށް ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ ހަމަލާ ދިން މައްސަލައިގެ ތަހުގީގުތައް ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގުން ހޯދި ހޯދުންތަކުން އެއީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަން ދެނެގަނެވިފައި ވާކަމަށެވެ.

ރިޔާޒް ވިދާޅުވީ މި ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާކަމަށައި މީގެ ތެރެއިން 6 މީހަކު ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރިކަމަށެވެ. އަދި މިދިޔަ މަހުވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން އަމަލީގޮތުން ހަމަލާދިނުމުގައި ބައިވެރިވެފައި ވަނީ ހަތަރު މީހުން ކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ގެއަކުން ހޯދި ޑިޖިޓަލް މައުލޫމާތު ރައްކާކުރެވޭ ޑިވައިސްތަކުން މައްސަލައާ ގުޅުންހުރި އަދި ޓެރަރިޒަމަށް ހިއްވަރުދީ ޓެރަރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކޮށްފައި ހުރި ބައެއް ކަހަލަ މުއާމަލާތްތަކާއި، ޕޯސްޓްތަކާއި ލިޔުންތައް ވެސް ހޯދިފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން 75 ލޮކޭޝަނަކުން 300 އެއްހާ ގަޑިއިރުގެ ފުޓޭޖު ނަގައި އެނަލައިޒް ކޮށްފައިވާކަމަށެވެސް ފުލުހުން ވިދާޅުވެއެވެ. އެ ފުޓޭޖުތަކުގެ އަލީގައި ހަމަލާ ދިން މީހުން މާލެއިން ފެށިގެން ހުޅުމާލެއަށް ދިޔަ ރޫޓުތަކާއި އެމީހުން ހަމަލާ ދިން ތަންތަން ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ހުޅުމާލޭގައި ހަމަލާ ދިން ތިން ފިރިހެނުންގެ ތެރޭގައި ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހެކެވެ.