ޚަބަރު

ފެނާއި ކަރަންޓު ބިލް ތައްޔާރުކުރުމަށް މީޓަރުގެ ފޮޓޯއެއް ފޮނުވަން ފެނަކައިން އެދިއްޖެ


ފެނާއި ކަރަންޓު ބިލް ތައްޔާރުކުރުމަށް މީޓަރު ފޮޓޯއެއް ފޮނުވުމަށް ފެނަކައިން އެދިއްޖެއެވެ. މިގޮތަށް ނިންމާފައިވަނީ ކޯވިޑް 19 އިން ރަށްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ފެނަކައިގެ މުޢައްޒަފުންނާއި އާއްމުގެ ރައްކާތެރިކަމަށްޓަކާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ފެނަކައިން ބުނެފައިވަނީ ފޮޓޯ ވައިބަރ ކުރަންވީ ނަންބަރު އެރަށެއްގެ ފެނަކަ ބްރާންޗުން ފޯރުކޮށްދެމުންދާނެކަމަށެވެ. ފެނާއި ކަރަންޓު މީޓަރުގެ ނަންބަރު ފެންނަހެން ފޮޓޯއަކާއި، ގޭގެ ނަމާއިއެކު ވައިބަރ ކުރަމުން ގެންދިއުމަށް ފެނަކައިންވަނީ އެދިފައެވެ.

ވައިބަރއިން ރީޑިންގ ނުފޮނުވޭ މީހުން ރީޑިންގއާއި، މީޓަރު ނަންބަރު އަދި ގޭގެ ނަމާއިއެކު އެސްއެމްއެސް ކުރުމަށްވަނީ ކަސްޓަމަރުންނަށް އަންގާފައެވެ.

ފެނަކައިން ބުނެފައިވަނީ ބިލް ގޭގެއަށް ފޮނުވާނީ ވައިބައާއި، އެސްއެމްއެސް މެދުވެރިކޮށްކަމަށެވެ.
ކޯވިޑް 19ގެ ޙާލަތު ނިމެންދެން ބިލް ހެދުމުގެ ކަންކަން ކުރިއަށްގެންދާނީ މި އުސޫލުންކަމަށް ފެނަކަ ކޯޕަރޭޝަނުންވަނީ ބުނެފައެވެ. ފެނަކައިންދަނީ އަތޮޅުތެރޭގެ 150 ރަށަކަށް ޚިދުމަތް ދެމުންނެވެ.

ސަރުކާރުންވަނީ އޭޕްރިލް މަހާއި މެއި މަހުގެ ކަރަންޓު ބިލުން %40 އުނިކުރުމަށް ނިންމާފައެވެ. އަދި ފެން ބިލުން %30 އުނިކުރުމަށްވެސްވަނީ ނިންމާފައެވެ.