ޚަބަރު

ގައިދުރުކަން އިސްކުރުމުން، ސަލާންކުރުމާ ދުރަށް؟


އަތާއަތް ޖޯޑުކޮށް ސަލާމްކުރުމަކީ މީގެ އެތައް ޤަރުނެއް ކުރިންސުރެ އަމާންކަން ދޭހަ ކޮށްދިނުމުގެ ގޮތުގައި ބޭނުން ކުރާ އިޝާރާތެކެވެ. އެންމެ ފުރަަތަމަ ސަލާންރަން ފެށީ އަތުގައި އެއްވެސް ހަތިޔާރެއް ނެތްކަން ޔަޤީންކޮށްދިނުމަށްޓަކައެވެ. ނަމަވެސް އަހަރުތައް ފާއިތުވަމުންގޮސް ސަލާންކުރުމަކީ އިޚްތިރާމް ޢަދާކުރުމުގެ ނިޝާނަކަށްވަނީ ބަދަލުވެފައެވެ. ސަލާންކުރުމަކީ އިޖުތިމާޢީ އެއްވުންތަކާއި ދީނީ އެއްވުންތަކާއި ރަސްމީ ބައްދަލުވުންތަކާއި ކުޅިވަރު މުބާރާތްތަކުގައިވެސް ހިމެނޭ ޙަރަކާތެކެވެ.

އެހެންނަމަވެސް ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުމުން ޞިއްޙީ މާހިރުންދަނީ ސަލާންކުރުމުން ދުރުވުމަށް ގޮވާލަމުންނެވެ. ސައިންސުވެރިން ބުނަނީ އަތްތިލައަކީ ޖަރާސީމު ހަރުލާ އަދި އާލާވާ ގުނަވަނެއްކަމަށެވެ. ހުރަހެއްނެތި އަތާއަތް ޖޯޑުކޮށް ސަލާންކުރުމުން އެކަކުގެ އަތުގައި ހުންނަ ޖަރާސީމުތައް އަނެއް މީހާގެ އަތަށް ދަތުރުކުރެއެވެ. އެހެންކަމުން އަތްތިލައަކީ ޖަރާސީމާއި ބަލި ޖައްސާ ވައިރަސް އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ ވަޞީލަތެކެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި ކުރާ ސަލާމަކުންވެސް ގައިންގަޔަށް ޖަރާސީމު އަރަން މަގުފަހިވެއެވެ. އެގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަދަލުވާ ޖަރާސީމުގެ ތެރޭގައި ނުރައްކާތެރި ބަލިޖައްސާ ޖަރާސީމުވެސް ހިމެނެއެވެ.

އިންސާނުންނަކީ އިޖުތިމާޢީ ގުޅުންތައް ޤާއިމްކޮށް ދަމަހައްޓާ ބައެކެވެ. އިންސާނުންނަކީ ޠަބީޢީގޮތުންވެސް މުޖުތަމަޢުގެ އެހެން މީހުންނާ ގުޅިލާމެހިފައިވާ ބައެކެވެ. އެކަކު އަނެކަކާ ބައްދަލުވުމުން އެންމެ ފުރަތަމަވެސް އަތް ދިއްކޮށްލާ ހަމާހަން ޖައްސާ ސަލާންކޮށްލައެވެ. އެއީ ކިހާ ގާތް ޙަރަކާތެއްކަން ވިސްނެނީ ބަލިމަޑުކަން ފެތުރެމުންދާ ދަނޑިވަޅެއްގައި ސަލާންނުކުރުމަށް ޞިއްޙީ މާހިރުން ގޮވާލަން ފެށުމުންނެވެ.

އިންސާނުންގެ އަތުގެ ހުދުހަމަކީ އެތައްސަތޭކަ ޖަރާސީމަކާއި ބަލި ޖައްސާ ވައިރަސްތައް ހަރުލާ ފަށަލައެކެވެ. އިންސާނާގެ އަތުގެ ފަށަލައެއްގައި ޖެހޭ ކޮންމެ ފަހަރަކު އެފަށަލައެއްގައި ހުރި ޖަރާސީމުގެ 50 އިންސައްތަ އަތަށް ދަތުރުކުރެއެވެ. ސަލްމޮނެއްލާއާއި އިީކޮލައިއާއި ނޯރޯވައިރަސްއާއި ނޭވާލުމުގެ ނިޡާމަށް ހަމަލާދޭ ޖަރާސީމުވެސް އަތުގެ ހުދުހަމުގައި ހަރުލާފައި ހުރެއެވެ. އިންސާނުންގެ އަތާއި ނިޔަފަތީގައި ނަޖިހުގެ އަސަރު ހަރުލާފައިހުންނަ މިންވަރުވެސް މަދެއް ނޫނެވެ. އެއިން އެއްވެސް ޖަރާސީމެއް ހަމަލޮލަކަށް ނުފެނެއެވެ. އެޖަރާސީމުތައް ފެންނަނީ ސައިންސުވެރިން މައިކްރޮސްކޯޕު އަޅައިގެން ބަލާ ހޯދީމައެވެ.

އަތަށް ކިނބިއްސެއް އަޅައިފިނަމަ އެކިނބިހީގެ ޒަރިއްޢާއިން ހަށިގަނޑުން ބޭރުވާ ޖަރާސީމުތައް ހަރުލަނީ އަތުގައެވެ. ރައްޓެއްސަކާ ދިމާވުމުން އެއަތް ބޭނުންކޮށް ސަލާންކުރުމުން ރަހުމަތްތެރިޔާގެ ހަށިގަނޑަށް ޖަރާސީމު ދަތުރުކުރެއެވެ. އެހެންގޮސް ތިމާ އެޅި ކިނބިހީގެ އަސަރު އެއްއަތުން އަނެއްއަތަށް ބަދަލުވަމުންގޮސް އެތައް ބަޔަކަށް ފޯރައެވެ. ދޮރެއްގެ އަތްގަނޑުގައި ޖަރާސީމެއް ހަރުލައިފިނަމަ އެއިމާރާތް ބޭނުންކުރާ މީހުންގެ ދެބައި ކުޅަ އެއްބައި މީހުންގެ އަތާއި އެއިމާރާތުގައި ހުންނަ ފަށަލަތަކަށް ޖަރާސީމުގެ އަސަރު ފޯރަން ނަގަނީ އެންމެ 4 ގަޑިއިރެވެ. އެހެންކަމުން ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއް ގައި އެންމެ ރަނގަޅުވާނީ ސަލާންނުކޮށް ދޫކޮށްލުމެވެ.

ސަލާންނުކުރެވޭނަމަ އޭގެ ބަދަލުގައި ކަންކުރާނީ ކިހިނެތް ހެއްޔެވެ؟ ޔަޤީނުންވެސް ކުރިއަށްއޮތް ދުވަސްތަކުގައި ސަލާންކުރަން ދެކޮޅުހަދާނެ މީހުންގެ ޢަދަދު ގިނަވާނެއެވެ. އެޙާލަތުގައި އަނެކާއާ ބައްދަލުވާ ހިނދު ޞުލްޙަވެރިކަމުގެ ނިޝާނެއްގެ ގޮތުގައޮ ކޮށްލާނީ ކޮން ޙަރަކާތެއް ހެއްޔެވެ؟ އަތްހަނާ އަޅާލާނީ ބާއެވެ؟ ނުވަތަ ދެމީހުން ދެމީހުނާ އަތުގެ މޮއްކޮޅު ޖައްސާނީ ހެއްޔެވެ؟ ބައެއް ޤައުމުތަކުގެ މީހުން ހަދާހެން ކުޑަކޮށް ގުދުވެލާފަ ބޯ އަރިކޮށްލާނީ ހެއްޔެވެ؟ ކޮންމެއަކަސް ވަގުތީ ގޮތުން ނަމަވެސް ސަލާންކުރުން ނޫންގޮތެއްވަނީ ހޯދަންޖެހިފައެވެ.