ޚަބަރު

ގޮތްނޭނގޭ ބައްޔެއްގެ ސަބަބުން ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވަނީ، ކޯވިޑް-19އާ ގުޅުމެއް އޮވެދާނެ


އިނގިރޭސިވިލާތުގައި ޞިއްޙަތު ރަނގަޅު ކުޑަކުދިން ކޯވިޑް-19އާ ގުޅުންހުރިކަމަށް ބެލެވޭ ބައްޔެއްގެ ސަބަބުން މަރުވަމުންދާކަމަށް އެޤައުމުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ ގަދައަށް ހުންއައިސް ނާރު ފުއްޕާތީ ގިނަ ޢަދަދެއްގެ ކުޑަކުދިން ހަސްފަތާލުތަކަށް ގެންނަމުންދާކަމަށެވެ. އިނގިރޭސިވިލާތާއި އިޓަލީވިލާތުގެ ޞިއްޙީ މާހިރުން އެބައްޔާ ކޯވިޑް-19އާ އެއްވެސް ގުޅުމެއްވޭތޯ ބެލުމަށް ދިރާސާއެއްދަނީ ކުރަމުންނެވެ.

މެޓް ހެންކޮކް ވިދާޅުވީ ޞިޢްޙީ އިތުރު އެއްވެސް މައްސަލައެއް ނެތް ކުދިންވެސް އެބަލީގައި މަރުވަމުންދާކަމަށެވެ. އެބައްޔަކީ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ބައްޔަކަށްވުން އެކަށީގެންވާކަމަށާއި އެކަން ތަފްޞީލުކޮށް ދިރާސާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކުޑަކުދިންނަށް ޖެހޭ ބައްޔަކީ ސީދާ ކޮރޯނާވައިރަހާ ގުޅިފައިވާ ބައްޔެއްކަން ޔަޤީންކޮށް ދަންނަވަން ދަތިކަމަށް ފާހަގަކުރައްވާ ހެންކޮކް ވިދާޅުވީ އެބަލި ޖެހިފައިވާ ބައެއް ކުދިންނަށް ކޯވިޑް-19 ޖެހިފައިނުވާކަމަށެވެ. ނަމަވެސް އެބައްޔަކީ ޞިއްޙީ މާހިރުން އެކަމާމެދު ކަންބޮޑުވާ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭޝިޔާގެ ޤައުމުތަކުން އާންމުކޮށް ފެންނަ ކަވަސާކީ ބައްޔާ އެއްގޮތް ޢަލާމާތްތަކަކާއެކު އާދަޔާޚިލާފަށް ގިނަ ޢަދަދެއްގެ 9 އަހަރުން ދަށުގެ ކުޑަކުދިން ފާއިތުވި ދުވަސްތަކުގައި އިޓަލީވިލާތުގެ އުތުރުގެ ސަރަޙައްދުތަކުންވަނީ ފެނިފައެވެ. އެސަރަޙައްދުތަކަކީ އިޓަލީވިލާތުގައި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކެވެ.

ކުރިން ޤަބޫލުކުރެވިފައިވާގޮތުގައި ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކޯވިޑް-19 ފަސޭހައިން ޖެހުނުނަމަވެސް ކުޑަކުދިންނަށް އެބަލިޖެހޭ މިންވަރު މަދެވެ. ނަމަވެސް އިޓަލީވިލާތާއި އިނގިރޭސިވިލާތާއި ސްޕެއިންގެ ކުޑަކުދިންގެ މެދުގައި އަލަށް ފެތުރެމުންދާ ގޮތްނޭނގޭ ބަލިމަޑުކަމުގެ ސަބަބުން އެކަން އަލުން ދިރާސާކުރަން ޖެހޭކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.

ކޯވިޑް-19ގެ އަސަރުކޮށްފައިވާ ކުޑަކުދިންނާއި ބަލިޖެހި ރަނގަޅުވުމުން އުފެދޭ އެންޓިބޮޑީ ހަށިގަނޑުގައިހުރި ކުދިން ފާއިތުވި ދެހަފުތާގެ ތެރޭގައި ބަނޑުގައި ރިއްސާ، ހޮޑުލައި ބޭރަށް ހިންގާފައިވާކަމަށް ސްޕެއިންގެ ކުޑަކުދިންގެ ބަލިތަކާބެހޭ ޖަމްޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ. އެކުދިންގެ އިތުރު ޞިއްޙީ މައްސަލައެއް ނެތްނަމަވެސް ހުމުގެ އަސަރެއް ނެތިވެސް ކުއްލިއަކަށް ޙާލު ދެރަވެ ނުރައްކާތެރި މިންވަރަކަށް ހިތުގެ ހިނގުން އަވަސްވެ ލޭގެ ޕްރެޝަރު އާދަޔާޚިލާފަށް ދަށްވެ ޝޮކުޖެހެއެވެ. ޓޮކްސިކް ޝޮކް ސިންޑްރޮމާ ކަވަސާކީގެ ޢަލާމާތްތައް ވައްތަރެވެ.

ޞިއްޙީ މާހިރުންދަނީ ކުޑަކުދިންގެ މެދުގައި އަލަށް ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހާ ބެހޭގޮތުން ނޭނގޭ ގިނަ މަޢުލޫމާތުތަކެއް ހުރިކަން ހާމަވެގެންދާކަމަށް ފާހަގަކޮށްފައެވެ. އަދި އެކަމާ ސަމާލުވުމަށް ބެލެނިވެރިންނަށްވަނީ ގޮވާލާފައެވެ.