ޚަބަރު

ފަރަންސޭސިވިލާތުގައި ފުރަބަންދު އުވާލާ ތަހުލީލުކުރާ ޢަދަދު އިތުރުކުރަނީ


ކޯވިޑް-19 ފެތުރޭތީ ފަރަންސޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް މެއި މަހުގެ 11ވަނަ ދުވަހުން ފެށިގެން ދޫދޭން ފަށާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު އެޑުއާ ފިލިޕް ވިދާޅުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި 165,911 މީހުންނަށް ކޯވިޑް-19 ޖެހި، 23,660 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާގައި ފަރަންސޭސިވިލާތުގައި އަލަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ 3،000އަށްވުރެ ދަށްކުރެވިފައެވެ.

ފަރަންސޭސިވިލާތުގެ އިޤްތިޞާދަށް ކުރަމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދު މެއި މަހުގެ 11ވަނަ ދުވަހު އުވާލުމަށް އެޤައުމުގެ ސަރުކާރުންދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ފުރަބަންދު އުވާލިކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޢާންމުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ބޮޑުވަޒީރު ފިލިޕް ވިދާޅުވިއެވެ.

ބޮޑުވަޒީރު ފިލިޕް ވިދާޅުވީ ޤައުމު ފުރަބަންދުކުރުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ޤައުމު ފުރަބަންދުކޮށްފައި އޮތުމަށްފަހު ޤައުމުގެ ހީނަރުވެފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށް ޤައުމު އަލުން ހުޅުވާލަންވީ ވަގުތު އައިސްޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފުރަބަންދު އުވާލިކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ޢާންމުން ފަރުވާކުޑަކޮށްފިނަމަ އަދި ފިޔަވަޅުތައް އުވާލުމުގައި މާބޮޑަށް އަވަސްކޮށްފިނަމަ އަނެއްކާވެސް ބަލިމަޑުކަން އެޤައުމުގައި ހަލުވިކަމާއެކު ފެތުރެންފެށިދާނެކަމުގެ އިންޒާރު ބޮޑުވަޒީރު ދެއްވިއެވެ.

މެއި މަހުގެ 11ވަނަ ދުވަހުން ފެށިގެން ފަރަންސޭސިވިލާތުގެ މަދަރުސާތައް އަލުން ހުޅުވަން ފަށާނެއެވެ. އަދި ވިޔަފާރިތަކަށްވެސް އަލުން މަސައްކަތް ފެށުމުގެ ފުރުޞަތު ފަހިވާނެއެވެ. ނަމަވެސް ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ބީޗުތައް އެންމެ އަވަހަށްވެސް ހުޅުވާނީ ޖޫން މަހުއެވެ. އަދި ވާދަވެރި ކުޅިވަރުތައް އަލުން ފަށާނީ ސެޕްޓެމްބަރު މަހުގެ ފަހުންނެވެ. ނަމަވެސް ޤައުމުގެ ޙާލަތު އިތުރަށް ގޯސްވާނަމަ ފިޔަވަޅުތަކަށް ދޫދިނުން ފަސްކުރާނެކަމަށް ބޮޑުވަޒީރު ފިލިޕް ވިދާޅުވިއެެވެ. އަދި ދުވާލެއްގެ މައްޗަށް އަލަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު 3،000އަށްވުރެ އިތުރުވާނަމަ ރޭވުންތަކަށް ބަދަލުގެންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގައި ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު ވިލާތުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު މަދެވެ. އެޤައުމުގައި ހަފުތާއެއްގެ މައްޗަށް ކުރަމުންދިޔައީ 200،000 ތަހުލީލެވެ. ނަމަވެސް ފުރަބަންދު އުވާލުމުން ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް ބޮޑުވަޒީރު ފިލިޕްވަނީ ވިދާޅުވެފައެވެ. އެގޮތުން މެއިމަހުގެ 11ވަނަ ދުވަހުން ފެށިގެން ފަރަންސޭސިވިލާތުގައި ހަފްތާއަކު 700،000 ތަހުލީލުކުރަން އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ. އަދި ބަލިޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުން ހޯދާ، އެކަހެރިކޮށް ތަހުލީލުކުރުމުގެ އިންތިޒާމުތައް އިތުރަށް ވަރުގަދަކުރާނެއެވެ.