ޚަބަރު

ސްޕެއިނުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސްޕެއިނުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމަށް ތައްޔާރުވާން ފަށައިފިއެވެ.

ސްޕެއިނުގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒްވަނީ މެއި މަހުގެ 4ވަނަ ދުވަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން އެޤައުމުގައި އިޢުލާންކޮށްފައިވާ ފުރަބަންދު އުވާލަން ނިންމާފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި ޖޫން މަސް ނިމެންވާއިރަށް ޢާންމު ޙާލަތަށް ރުޖޫޢަވޭތޯ މަސައްކަތްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފިޔަވަޅުތައް އުވާލާނީ ސްޕެއިންގެ އެކި ސަރަޙައްދުތަކަށް ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ މިންވަރުގެ މައްޗަށް ބިނާކޮށްކަމަށް ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވިއެވެ. އެގޮތުން ސްޕެއިނުގެ އެކި ސަރަޙައްދުތަކުގައި ބަލިފެތުރޭ މިންވަރާއި އައިސީޔޫތަކުގައި އެނދުހުރި މިންވަރާއި ގައިދުރުކަން ބަހައްޓަން ދީފައިވާ އިރުޝާދުތަކަށް ޢާންމުން ތަބާވާ މިންވަރު ބަލާނެއެވެ

ފުރަތަމަ މަރުޚަލާގައި ހުޅުވާނީ ސެލޫންތައްފަދަ އެޕޮއިންޓުމަންޓު ދޫކޮށްގެން ޚިދުމަތްދޭ ވިޔަފާރިތަކެވެ. އަދި ކެފޭތަކާއި ރެސްޓޯރަންޓުތަކުން ކާއެއްޗެހި ގަނެގެން ގެންދެވޭނެއެވެ. ނަމަވެސް އެތަންތަނުގައި ތިބެގެން ކައިބޮއެ ހެދުމުގެ ހުއްދައެއް ފުރަތަމަ މަރުހަލާއަކު ނުދޭނެއެވެ،

ދެވަނަ މަރުހަލާގައި ކެފޭތަކާއި ރެސްޓޯރަންޓުފަދަ ތަންތަން ކޮންމެވެސް ވަރަކަށް ހުޅުވާނެއެވެ. ނަމަވެސް އެތަންތަނުގައި އެއްފަހަރާ ތިބެވޭނީ ތަނުގެ ޖާގައިގެ ތިންބައި ކުޅަ އެއްބަޔާއެކަށީގެންވާ ޢަދަދުގެ މީހުންނަށެވެ. އެ މަރުހަލާ ފެށޭނީ މެއި މަހުގެ 11ވަނަ ދުވަހުއެވެ. އެއަށްފަހު ޞިއްޙީ މައްސަލައެއް ނެތް މީހުންނަށް އިޖުތިމާޢީ ކުދި އެއްވުންތަކުގައި ބައިވެރިވެވޭނެއެވެ. އަދި ޢާއިލާތަކަށް ޖަނާޒާތަކުގައި ބައިވެރިވުމުގެ ޙުއްދަވެސް ދޭނެއެެވެ

ސްޕެއިނަކީ އެމެރިކާއަށްފަހު ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމެވެ. އެޤައުމުގައި 232,128 މީހުންނަށް ބަލިޖެހި، 23,822 މީހުންވަނީ މަރުވެފަައެވެ. އެޤައުމުގައި 15 ދުވަހަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، މާރިޗު މަހުގެ 15ވަނަ ދުވަހު މުޅި ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. އަދި މާރިޗު މަހުގެ 28ވަނަ ދުވަހުން ފެށިގެން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެހެން މީޙުން ގޭގައި މަޑުކުރުމަށްވަނީ އަންގާފައެވެ.

ސްޕެއިނުގައި އަޅާފައިވާ ފިޔަވަޅުތަކަށް އޭޕްރިލް 13ވަނަ ދުވަހުން ފެށިގެން ކޮންމެވެސް ވަރެއްގެ ލުޔެއްވަނީ ދީފައެވެ. އެގޮތުން ގޭގައި އަދާނުކުރެވޭފަދަ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން އަލުން އަނބުރާ މަސައްކަތަށް ނުކުތުމުގެ ޙުއްދަވަނީ ދީފައެވެ. އަދި ސްޕެއިނުގެ ކުޑަކުދިންނަށް ބޮޑުމީހެއްގެ ބެލުމުގެ ދަށުން ދުވާލަކު އެއްގަޑިއިރަށް ބޭރު ތެރެއަށް ނުކުތުމުގެ ޙުއްދަވެސްވަނީ ދީފައެވެ.