ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ޚާން މަރުވެއްޖެއެވެ. އުމުރުން 54 އަހަރުގެ އެކްޓަރ އިރްފާން މަރުވެފައިވަނީ މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އިރުފާން ޙާން މަރުވިއިރު އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ވަނީވެފައެވެ.
އިރުފާން ޚާންގެ ސްޕޯކްސް ޕާސަން ބުނީ އޭނާގެ ސިއްޙީ ޙާލަތު ގޯސްވުމުން ރޭގެ ވަގުތެއްގައިވަނީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދީފައެވެ. އޭނާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.
2018ވަނަ އަހަރުގެ މާރިޗް މަހުގެ 16ވަނަ ދުވަހު އިރްފާން ޚާންވަނީ "ނިއުރޯއެންޑޯކްރީން" ޓިއުމަރެއް އޭނާގެ ހަށިގަނޑުގައި ހުރި ކަން އިޢުލާންކޮށްފައެވެ. އެއަށްފަހު އިރުފާންވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ގޮސް އެޤައުމުގައި އަހަރެއްހާ ދުވަސް ވަންދެން ކެންސަރަށް ފަރުވާ ހޯދާފައެވެ.
ފަރުވާ ނިންމާލުމަށްފަހު އިރްފާން އެނބުރި އިންޑިއާގެ މުމްބާއީއަށް އައިސް އެނާ ކުޅެން އެއްބަސްވެފައިވާ ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވަނީ ނިންމާފައެވެ.
ބޮލީވުޑާއި ހޮލީވުޑްގެ ބައެއް ފިލްތަކުންވެސް ފެނިގެންގޮސްފައިވާ އިރްފާން ހާން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ މާރޗް މަހު ނެރުނު "އަންގްރޭޒީ މީޑިއަމް"އެވެ. މީ އޭނާގެ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމެވެ. އިރްފާން ފެނިގެން ގޮސްފައިވާ ހޮލީވުޑުގެ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ސްލަމް ޑޯގް މިލިއަނަރ" "އިންފަރނޯ" އަދި "ލައިފް އޮފް ޕައި" ފަދަ ފިލްމްތައް ފާހަަގަކޮށްލެވެއެވެ.
އިރުފާން ޚާން މަރުވިއިރު އޭނާގެ އަނތްބަކާއި 2 ދަރިން ދުނިޔޭގައި އެބަތިއްބެވެ. އިރުފާން މަރުވި އިރު އޭނާގެ މަންމަ ސައީދާ ބޭގަމް މީގެ ތިން ދުވަސް ކުރިން ވަނީ މަރުވެފަ އެވެ.
ކެންސަރުގެ ފަރުވާ މުޅިން ނުނިމެނީސް މަސައްކަތް ފެށުމުން އޭނާގެ ސިއްޙަތައް ބޮޑު ނުރައްކަލެއް އޮތްކަން ކުރިންވެސް އިރްފާންގެ ސްޕޯކްސްޕާސަންވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ސިނަމާއަށް އޮންނަ ލޯތްބެއްގެ ސަބަބުން އޭނާއަށް ފިލްމުތަކާ ދުރުގައި ނުހުރެވޭނެކަމަށް އިރްފާން ދިޔައީ ބުނަމުންނެވެ.
އިރްފާންގެ މަރާއެކު މުޅި ބޮލީވުޑް އިންޑަސްޓްރީދަނީ ހިތާމަ ފާޅުކުރަމުންނެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންދަނީ އިރްފާންގެ ހަނދާންތައް އައުކޮށް ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންންވެ.
އިރްފާން ޚާންއަކީ ބޮލީވުޑްގެ އެންމެ "ވާސަޓައިލް އެކްޓަރު"ގެ ގޮތުގައި ފާހަގަކޮށްލެވޭ އެކްޓަރެވެ. އެގޮތުން އޭނާ ވަނީ ތަފާތު އެކި ރޯލްތަކުން ބެލުންތެރިންގެ ހިތްތަކުގައި ޖާގަ ހޯދާފައެވެ.
އިރްފާން ފެނިގެން ގޮސްފައިވަނީ ހަމައެކަނި ބޮލީވުޑްގެ ފިލްމްތަކުންނެއް ނޫނެވެ. އޭނާ ވަނީ ހޮލީވުޑުގެ މަޝްހޫރު ބައެއް ފިލްމްތަކުންވެސް ފެނިގެންގޮސްފައެވެ. އެގޮތުން "ސްލަމް ޑޯގް މިލިއަނަރ" "އިންފަރނޯ" އަދި "ލައިފް އޮފް ޕައި" ފަދަ ފިލްމްތައް ފާހަަގަކޮށްލެވެއެވެ.
އިރްފާން ޚާން ވަނީ ގިނަ އެވޯޑްތަކެއްވެސް ހޯދާފައެވެ. އެގޮތުން ފިލްމް ފެއަރ އެވޯޑްތަކާއި ނެޝަނަލް ފިލްމް އެވޯޑްވެސް އެތައް ފަހަރެއް މަތިން ވަނީ ހޯދާފައެވެ. އިރްފާން އެންމެ ފަހުން ސިލްވަރ ސްކްރީނުން ފެނިގެންގޮސްފައިވަނީ މިއަހަރު މާރޗްމަހު ރިލީސްކުރި ހިންދީ މީޑިއަމްގެ ސީކުއަލް "އަންގްރޭޒީ މީޑިއަމް"އިންނެވެ.