ޚަބަރު

ކޯވިޑް-19 ޖެހުނު މީހުންގެ ތިންބައިކުޅަ އެއްބައި އެމެރިކާގައި


އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 1 މިލިއަނަށް އިތުރުވެ، މަރުވި މީހުންގެ ޢަދަދު 57,862އަށް އަރައިފިއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ އެމެރިކާގައެވެ. ފާއިތުވި 18 ދުވަހުގެ ތެރޭގައި އެޤައުމުގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިރުތުވެފައެވެ. ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ 3 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ޙިއްޞާކުރަނީ އެމެރިކާއިންނެވެ. އަދި ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ބަލިމަޑުކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 2،000 މީހުން އެޤައުމުގައި މަރުވެއެވެ.

ޞިއްޙީ މާހިރުން ޤަބޫލުކުރާގޮތުގައި އެމެރިކާގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އިތުރުވާނެއެވެ. ޞިއްޙީ ޚިދުމަތްތެރިން މަދުވުމާއި ޞިއްޙީ ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމުން ކޯވިޑް-19އަށް އެންމެ އެދެވޭ މިންވަރަށް ތަހުލީލުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް އެމެރިކާގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ.

އެމެރިކާގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރެނީ ނިއު ޔޯކުގައެވެ. އެމެރިކާގައި ބަލީގެ އަސަރުކޮށްފައިވާ މީހުންގެ 30 އިންސައްތަ ފެނިފައިވަނީ އެސިޓީންނެވެ. އޯގަސްޓުމަހުގެ 4 ވަނަ ދުވަހާ ހަމައަށް އެމެރިކާގައި 74،000އަށްވުރެ ގިނަ މީހުން ކޯވިޑް-19ގެ ސަބަބުން މަރުވާނެކަމަށް ވޮޝިންޓަން ޔުނިވާސިޓީއިން ކުރި ދިރާސާއަކުންވަނީ އަންދާޒާކޮށްފައެވެ.

އެމެރިކާއަށްފަހު ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކަކީ އިޓަލީވިލާތާއި ސްޕެއިންނާއި ފަރަންސޭސިވިލާތެވެ. ނަމަވެސް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އެޤައުމުތަކަށްވުރެ ފަސްގުނަ އިތުރެވެ. ބަލިޖެހިފައިވާ މީހުންގެ ޢަދަދު އާބާދީގެ ނިސްބަތުން ބަލާނަމަ އެމެރިކާއޮތީ ލިސްޓުގެ ފަސްވަނައިގައެވެ. އެޤައުމުގައި ދިރިއުޅޭ ކޮންމެ 10،000 މީހަކުން 30 މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ. އެނިސްބަތުންބަލާނަމަ ސްޕެއިންގައި ބަލީގެ އަސަރުކޮށްފައިވަނީ ކޮންމެ 10،000 މީހަކުން 48 މީހުންނަށެވެ.

އެމެރިކާގައި ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 1950ވަނަ އަހަރުކުރި ކޮރެޔާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ޢަދަދަށްވުރެ އިތުރުވެފައެވެ. އެޢަދަދު 1975ވަނަ އަހަރު ނިމުނު ވިއެޓްނާމް ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ޢަދަދާ ދާދި އެއްވަރެވެ. ނަމަވެސް 1918ވަނަ އަހަރު ފެތުރުނު ސްޕެނިޝް ރޯގާގެ ސަބަބުން އެމެރިކާއިން މަރުވި މީހުންގެ ޢަދަދާ ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އަދިގާތްވެސް ނުވެއެވެ. ސްޕެނިޝް ރޯގާ ޖެހިގެން 675،000އަށްވުރެ ގިނަ މީހުން އެމެރިކާގައިވަނީ މަރުވެފައެވެ.