ވިޔަފާރި

ރަށްރަށުގައި ހުރި ބީއެމްއެލްގެ އޭޓީއެމްތަކަށް ބޭނުންވާ ފައިސާ ފޮނުވައިފި


ބޭންކު އޮފް މޯލްޑިވްސް އިން އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ އެބޭންކުގެ އޭޓީއެމްތަކާއި، ބުރާންޗުތަކަށް ބޭނުންވާ ފައިސާއާއި އެހެނިހެން ސާމާނު ފޯރުކޮށްދީފިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދަތުރުފަތުރުކުރުން މަޑުޖެހިފައިވާތީ ރަށްރަށުގައި ހުރި ބީއެމްއެލްގެ ބުރާންޗުތަކަށް ބޭނުންވާ ތަކެތި ގެންދިޔުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުން ބުނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރކޮށްގެން ބޭންކުގެ ބުރާންޗުތަކަށް ބޭނުންވާ ސާމާނާއިއެކު ރާއްޖޭގެ ރީޖަނަލް 9 އެއަރޕޯޓަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މި ދަތުރުތަކުގައި އެބޭންކުގެ ބުރާންޗުތަކަށް ބޭނުންވާ ފައިސާއާއި، ބޭންކު ކާޑުތަކާއި، ޕިންތަކާއި، ޕީއޯއެސް ޓަރމިނަލްސްތައް އަދި ޕީޕީއީ ކިޓުތައް ފޮނުވާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެބޭންކުން އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ 23 ބުރާންޗަކަށް ތަކެތި ފޯރުކޮށްދީފައިވާކަމަށެވެ. ބޭންކުގެ ބްރާންޗުތަކަށް ތަކެތި ފޮނުވުމަށް ކުރި މި ދަތުރުތަކުގައި އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔަވެސް ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.

މާލެ ސިޓީ ފުރަބަންދަކަށް ދިޔުމާއިއެކު ބީއެމްއެލްގެ ބުރާންޗުތައްވެސް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަފްތާއަކު ދެދުވަހު ބޭންކު ހުޅުވާ، ދަނީ ޙިދުމަތް ދެމުންނެވެ.