ޚަބަރު

ކޯވިޑް-19 : އުލިގަމުން ޕޮޒިޓިވްވި މީހާއާ އުލިގަމުން ކޮންޓެކްޓްވި އެންމެން ނެގެޓިވް - ކައުންސިލް


ހއ.އުލިގަމުން ކޯވިޑަށް ޝައްކުވާ މީހަކު ހުރެގެން ޓެސްޓް ހަދާ، އެމީހާ ބައްޔަށް ޕޮޒިޓިވްވިކަން ދެނެގަނެވިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. މި މީހާއަކީ އަތޮޅުތެރެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ވި ފުރަތަމަ މީހާއެވެ. މިއީ މާލެއިން އެރަށަށް ދިޔަ މީހެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އުލިގަމު ކައުންސިލް ރައީސް އަޙްމަދު މުޢާޒް މުޙައްމަދު ވިދާޅުވީ ޕޮޒިޓިވްވި މީހާއާއި، އެމީހާއާއެކު އިހަވަންދޫ ބޯޓުން އުލިގަމަށް ދަތުރުކުރި މީހުންނާއި، އިހަވަންދޫން އުލިގަމަށް ދިޔަ ޑީންގީގެ ކެޕްޓަނުންނާއި، ޕޮޒިޓިވް ވި މީހާ ދިރިއުޅޭ ގޭގެ މެންބަރުން ހިމެނޭހެން ޖުމްލަ 19 ސާމްޕަލް އުލިގަމުން ނެގިކަމަށެވެ.

މުޢާޒް ވިދާޅުވީ ޕޮޒިޓިވްވި މީހާއާއި އެރަށުން ކޮންޓެކްޓްވި 18 މީހުންގެ ސާމްޕަލްގެ ނަތީޖާ މިހާރު ލިބިފައިވާކަމަށާއި އެ ހުރިހާ މީހުންވެސް ބައްޔަށް ނެގެޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު އަންގާފައިވާކަމަށެވެ.

"ބައްޔަށް ޕޮޒިޓިވްވި މީހާއާއި އެކު ބޯޓުން ދަތުރުކުރީ 11 މީހުންނެވެ. އަދި ޑިންގީގެ 2 ކެޕްޓަނުންގެ އިތުރަށް ޕޮޒިޓިވްވި މީހާގެ ގޭގައި އުޅޭ 5 މީހުންގެވެސް ސާމްޕަލްވަނީ ނެގެޓިވްވެފައި." މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ރަށުން ސާމްޕަލް ނެގި މީހުންގެ ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ.

ރަށު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ބައްޔަށް ޕޮޒިޓީވްވި މީހާއަކީ ހއ.އިހަަވަންދޫ ބޯޓެއްގައި މާލެއިން ދިޔަ މީހެކެވެ. އުލިގަމަށް އޭނާ ދިޔަ ދުވަހުން ފެށިގެން އޭނާގެ ގައިން ޝައްކުވާ އަލާމާތްތައް ހުރުމުން އެމީހާ، ރަށަށް ދިޔައީއްސުރެ އަމިއްލައަށް އެކަހެރިވެގެން ހުރިކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، އުލިގަމުގެ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގައި، އެމީހާގެ ގައިން ނެގި ސާމްޕަލްއިން ބައްޔަށް ޕޮޒިޓިވްވިކަން ޔަގީންވީ އޭޕްރިލް 19 ވަނަ ދުވަހުއެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި އެމީހާވަނީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުންް އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުޢާޒް މުޙައްމަދު ވިދާޅުވީ، ރަށުގެ ޢާއްމު ޙާލަތު ރަނގަޅުކަމަށެވެ. ނަމަވެސް މުޅި ރަށް އޮތީ އަދިވެސް ލޮކްޑައުންގައިކަމަށެވެ.

ރަށް މޮނިޓަރިންގައި އޮތުމާއި ގުޅިގެން އެރަށުގައި މިހާރު ހުރިހާ ޚިދުމަތްތައްވެސް ދެމުންދަނީ ސޯޝަލް ސަޕޯޓް ޑެސްކް މެދުވެރިކޮށެވެ. އެގޮތުން ކާބޯތަކެތި ގޭގެއަށް ޑެލިވަރީ ކުރުމުގެ ކަންކަމާއި އަދި ގޭގެއިން ކުނި އުކާލުމުގެ މަސައްކަތްވެސް ކުރަނީ ޑެސްކުންނެވެ.
އުލިގަމު ސޯޝަލް ސަޕޯޓް ޑެސްކުގައި 12މީހުންދަނީ ހަރަކާތްތެރިވަމުންނެވެ.