ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނާއިބް ރައީސް ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދުވަސްވަރު ޢާންމު އެހެން ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށްދާގޮތާއި އަދި ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ތެލެސީމިއާ ކުދިންނާއި މާބަނޑު އަންހެނުންނާއި އަދި އެނޫންވެސް ބޮޑެތި ބަލިތަކުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެހިފައިހުރި ގޮތާބެހޭ މަޢުލޫމާތު ނާއިބް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.
ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި އެކަންކަން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ނާއިބް ރައީސް ވަނީ ފާހަގަަކުރައްވާފައެވެ. މީގެ އިތުރުން މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވީހާވެސް ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމާއި ކޯވިޑް-19ގެ ބަލީގެ އިތުރުން އެހެންބަލިތަކަށް ފަރުވާ ހޯދާފަރާތްތަކަށް ވެސް މިދުވަސްވަރު ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ނާއިބްރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އަޅަންޖެހިފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ޢާންމު ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން ޞިއްޙީ ދާއިރާއިން ކުރިން ޢާންމު ދަތުރުފަތުރަށް ބަރޯސާވެ ދެމުންދިޔަ ބައެއް ޚިދުމަތްތައް ދިނުމުގައި ހުރިދަތިތަކާއި ޞިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ބައެއް ތަކެތި ލިބުމުގައި ހުރިދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ ޢަމީންއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީގެ އިތުރުން އާސަންދަ ކޮންޕެނީއާ ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ އިސްވެރިން ވަނީ އެ އިދާރާތަކުން މިކަމުގައި ކުރައްވައި މަސައްކަތްތަކުގެ ތަފްޞީލުތައް ދެއްވައި ކައުންސިލުތަކާއި ހޮސްޕިޓާތަކުގެ ވެރިންނަށް ކުރިޔަށްދާންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ.