ޚަބަރު

ނޫސްވެރި ކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި 79 ވަނައިގައި ރާއްޖެ


ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނައަށް އަރައިފައެވެ.

2018 ވަަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގައި ދުނިޔޭގެ 120 ވަނައިގައި ރާއްޖެ އޮތުމަށްފަހު މިއަހަރު 79 ވަނައަށް މައްޗަށް ޖެހިފައިވާތީ އެކަން ފާހަގަ ކުރައްވާ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގެ ޖަވާބުގައި އެމެރިކާގެ ސްޓޭޓް ޑިޓާޕްމެންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔާކަމަށެވެ. އަދި މެދުތެރޭ އޭޝިއާއާއި ދެކުނު އޭޝިއާގެ ހުރިހާ ޤައުމުތަކަކުންވެސް ރައްޔިތުންނަށް ބޭނުންވާ ސައްޙަ ޚަބަރާއި މަޢުލޫމާތު އަދި ޑޭޓާ ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ގޮވާލާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިއަހަރުގެ އިންޑެކްސްގައި ދެކުނު އޭޝިއާއިން ބޫޓާން ފިޔަވައި ދެން އެންމެ ކުރީގައި އޮތީ ރާއްޖެއެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތައް އޮތީ މިދިޔަ އަހަރަށް ވުރެ ފަހަތުގައެވެ.

2018 ވަނަ އަހަރުންފެށިގެން ރާއްޖެއިން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި މިއަހަރު ވަނީ 19 ދަރަޖައިގެން ކުރިއެރުމެއް ހޯދާފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓާސް ވިތައުޓް ބޮޑަރސްއިން ނެރޭ އިންޑެކްސްއެކެވެ.