ޚަބަރު

ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ މަޢާފުކޮށްދެއްވައިފި


ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަޢާފުކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވަރއޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި އެތަކެއްޗަށް ނެގޭ ޕްރޮސެސިންގ ފީ ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވާފައިވާ ކަމަށެވެ.

މިތަކެތީގެ ޑިއުޓީ މަޢާފުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މަޢާފުކުރުމާއި، މަޢާފުކުރުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުންނެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒަރ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން މަޢާފުކޮށްދެއްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މި ބަލިން ރައްކާތެރިވުމަށް ސަރުކާރުންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މި ބަލީގެ ސަބަބުން އެކި ދާއިރާތަކަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަ ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.