ޚަބަރު

ފަރަންސޭސިވިލާތުގެ އައިސީޔޫތަކުގައި މަރުވި މީހުންގެ ޢަދަދު 40 އިންސައްތަ އިތުރު


ކޯވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުގައި ހާލުދެރަވާ މީހުންނަށް ފަރުވާދޭ އައިސީޔޫތަކުގައި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަަކަށްވުރެ ތިނެއް ނުވަތަ ހަތަރުގުނަ އިތުރުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފަރަންސޭސިވިލާތަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު ތިންވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމެވެ. އެޤައުމުގައި 162,100 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް 22,856 މީހުންވަނީ މަރުވެފައެވެ.

ޔޫރަޕިއަން ރިސާޗް ނެޓްވޯކް އޮން އާޓިފިޝަލް ވެންޓިލޭޓާރސް، ރޭވާއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ފަރަންސޭސިވިލާތުގައި ކޯވިޑް-19ގެ ސަބަބުން ހާލުދެރަވެގެން އައިސީޔޫގައި ވެންޓިލޭޓަރު ބޭނުންކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 30އާއި 40 އިންސައްތަ މީހުން މަރުވެއެވެ. އެޢަދަދަކީ ފަރަންސޭސިވިލާތުގެ ރަސްމީ އިދާރާތަކުން އިޢުލާނުކޮށްފައިވާ ޢަދަދުތަކަށްވުރެ އެތައްގުނައެއް މަތީ ޢަދަދެކެވެ.

ފަރަންސޭސިވިލާތުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޖެރޯމް ސަލަމަން މިމަހުގެ މެދުތެރޭގައި ވިދާޅުވީ ފަރަންސޭސިވިލާތުގެ ހަސްފަތާލުތަކުގެ އައިސީޔޫތަކުގައި ކޯވިޑް-19ގެ ސަބަބުން މަރުވަނީ ފަރުވާދެވޭ މީހުންގެ 10 އިންސައްތަ މީހުންކަމަށެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ޞިއްޙާތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައިވާ 200 އައިސީޔޫއެއްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރޭވާއިން ކުރި ދިރާސާއިން ދައްކާ ޢަދަދުތައް ސަރުކާރުން އިޢުލާނުކޮށްފައިވާ ޢަދަދުތަކާ ފުށުއަރައެވެ.

މިމަހުގެ 26ވަނަ ދުވަހާހަމައަށް ކޯވިޑް-19 ޖެހިފައިވާ 4،682 މީހުންނަށްވަނީ ފަރަންސޭސިވިލާތުގެ އެކި ހަސްފަތާލުތަކުގެ އައިސީޔޫތަކުގައި ފަރުވާދީފައެވެ. ރޭވާއިން ކުރި ދިރާސާގައި ބަލާފައިވަނީ މާރިޗު މަހުގެ 28ވަނަ ދުވަހާއި އޭޕްރިލް މަހުގެ 25ވަނަ ދުވަހާ ދެމެދު އައިސީޔޫތަކުގައި ފަރުވާދީފައިވާ 1،000 މީހުންގެ މަޢުލޫމާތަށެވެ.
ސަރުކާރުގެ ޢަދަދުތައް ބަލާފަައިވަނީި މާރިޗުމަހުގެ 16ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 25ވަނަ ދުވަހާހަމައަށް އައިސީޔޫތަކުގައި ފަރުވާދީފައިވާ މީހުންގެ ޢަދަދުތަކަށެވެ.

އެމުއްދަތުގައި މަރުވެފައިވަނީ އައިސީޔޫގައި ފަރުވާދިން މީހުންގެ 10 އިންސައްތައެވެ. ނަމަވެސް އައިސީޔޫތަކުގައި ފަރުވާދިން މީހުންގެ 50 އިންސައްތަ މީހުންވަނީ ހާލުދެރަވެގެން އިތުރަށް ފަރުވާދިނުމަށް ވެންޓިލޭޓަރު ބޭނުންކޮށްފައެވެ. އެހެންކަމުން ސަރުކާރުގެ ރަސްމީ ޢަދަދު އިޢުލާނުކުރީ ވެންޓިލޭޓަރު ބޭނުންކުރާ މީހުންގެ ތެރެއިން މަރުވާ މީހުންގެ ޢަދަދަށް އަންނާނެ ބަދަލެއް އަންދާޒާ ނުކޮށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މަރުވެ، އައިސީޔޫތަކުގައި މަރުވި މީހުންގެ ޢަދަދުވަނީ ފަރުވާދިން މީހުންގެ 80 އިންސައްތައަށް އިތުރުވެފައެވެ.