ކޯވިޑް-19 ފެތުރޭތީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ޗައިނާގެ މައި ސިޓީތަކުގެ މަދަރުސާތައް އަލުން ހުޅުވަން ފަށައިފިއެވެ.
ޝަންހާއީ ސިޓީގައި ސާނަވީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންވަނީ އަލުން މަދަރުސާއަށް ދާންފަށައިފައެވެ. އަދި ވެރިރަށް ބެއިޖިންގައި ޔުނިވާސިޓީތަކަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އިމްތިހާނުގައި ޖުލައި މަހު ބައިވެރިވުމަށް ތައްޔާރުވަމުންދާ ދަރިވަރުންވަނީ އަލުން މަދަރުސާއަށް ދާންފަށައިފައެވެ.
ޗައިނާގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރެވުމުން މީގެ ހަފުތާތަކެއް ކުރިން އެޤައުމުގެ ބައެއް ސަރަޙައްދުތަކުގެ މަދަރުސާތައްވަނީ ހުޅުވަން ފަށައިފައެވެ. ނަމަވެސް ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި ވުހާން ސިޓީގެ މަދަރުސާތައް އަދިވެސް ހުރީ ބަންދުކޮށްފައެވެ. އެސިޓީގެ މަދަރުސާތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6ވަނަ ދުވަހުއެވެ.
ޗައިނާގެ ދަރިވަރުން އަލުން މަދަރުސާއަށް ދާން ފެށިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެއެވެ. ކޮންމެ ދަރިވަރަކަށްވެސް މަދަރުސާއަށް ވަދެވޭނީ ހަށިގަނޑުގެ ފިނިހޫނުމިން ބަލާ، މައްސަަލައެއް ފާހަގަނުވާނަމައެވެ. އަދި ބަލިމަޑުކަމުގެ އަސަރު ކޮށްފައިވުމުގެ ފުރުޞަތު ކުޑަކަމަށް މޮބައިލް ފޯނު މެދުވެރިކޮށް ބޭނުންކުރާ ޚާއްޞަ އެޕަކުން ދެއްކީމައެވެ. ކޮންމެ ދަރިވަރަކުވެސް މާސްކުބޭނުންކޮށްގެން އަނގަމައްޗާއި ނޭފަތް ނިވާކުރަންޖެހޭނެއެވެ. އަދި އިޖުތިމާޢީ ގައިދުރުކަން ބަހައްޓަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.
ޗައިނާގައި 82,830 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 4,633 މީހުންވަނީ މަރުވެފައެވެ. ދުވާލެއްގެ މައްޗަށް އަލަށް ބަލިޖެހޭ މީހުންގެ ނިސްބަތް އެޤައުމުގައިވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. އެޤައުމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެނިފައިވަނީ އަލަށް ކޯވިޑް-19 ޖެހިފައިވާ 11 މީހުންނެވެ. ނަމަވެސް އެޤައުމުގައި ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރިދާނެކަމަށް ބެލުމަށްފަހު ސަރުކާރުންދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.