އިނގިރޭސިވިލާތުގައި އިޢުލާންކޮށްފައިވާ ފުރަބަންދު އުވާލަން އަދި އަވަސްކަމަށް އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ޖެހުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަލުން މަޤާމުގެ މަސްޢޫލިއްޔަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޤައުމާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ޖޮންސަން ވިދާޅުވީ ބަލިމަޑުކަން ފެތުރޭތީ އިނގިރޭސިވިލާތުގައި އަޅާފައިވާ ހަރުކަށިިފިޔަވަޅުތަކާއި ފުރަބަންދު އުވާލަން އަދި އަވަސް ކަމަށާއި އެޤައުމުގައި ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ. ނަމަވެސް ފާއިތުވި 6 ހަފުތާގައި ބަލިމަޑުކަމާ ދެކޮޅަށް ޤައުމުގެ ރައްޔިތުން މަސައްކަތްކުރިގޮތަށް ކުރިއަށްއޮތްތަނުގައިވެސް މަސައްކަތްކޮށްފިނަމަ ބަލިމަޑުކަމުން އަރައިގަނެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ އިޤްތިޞާދަށްވަނީ ފާއިތުވި 30 އަހަރު ނުލިބޭފަދަ ބޮޑު ގެއްލުމަކާ ކުރިމަތިވެފައެވެ. އެޤައުމުގައި އެތައްހާސް މީހުންނެއްގެ ވަޒީފާވަނީ ގެއްލިފައެވެ. އަދި ގިނަ ވިޔަފާރިތަކެއްވަނީ އިންދަޖެހިފައެވެ. ވިޔަފާރިތަކުން ކުރިމަތިލަމުންދާ ދަތިތައް އިނގިވަޑައިގަންނަވާކަމަށް ވިދާޅުވެ އެކަމަށް ޙައްލެއް ހޯއްދަވައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ބޮޑުވަޒީރު ޖޮންސަން ވިދާޅުވިއެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުގައި ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާ، ބަލިމަޑުކަން ނިމުމަކާހަމައަށް އަންނަން ގާތްވެފައިވާކަމަށް ވިދާޅުވެ އޭނާވަނީ ރައްޔިތުންނަށް ހިތްވަރުދެއްވާފައެވެ.
ބޮޑުވަޒީރު ޖޮންސަނަށް ކޯވިޑް-19 ޖެހިވަޑައިގެންފައިވާކަން އެނގުނީ މީގެ އެއްމަސްދުވަސް ކުރިންނެވެ. ބަލީގެ ސަބަބުން އޭނާގެ ހާލު ގޯސްވުމުން އޭނާވަނީ ހަސްފަތާލުގައި އެނދުމަތިކޮށް އައިސީޔޫގައި ފަރުވާ ދީފައެވެ. ޖޮންސަން އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރު ބޮޑުވަޒީރުކަމުގެ މަސްޢޫލިއްޔަތުތަކާ ޙަވާލުވެހުންނެވީ އެޤައުމުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބެވެ.
އިނގިރޭސިވިލާތަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ފަސްވަނައަށް އެންމެ ބޮޑަށް ކޯވިޑް-19ގެ އަސަރުކޮށްފައިވާ ޤައުމެވެ. އެޤައުމުގައި 152,840 މީހުންނަށް ކޯވިޑް-19 ޖެހި، 20,732 މީހުންވަނީ މަރުވެފައެވެ.