ޚަބަރު

އިންޑިޔާ ފުރަބަންދުކުރުމުގައި ބޮޑެތި ދަތިތަކެއް، ނޭޕާލާއި ސްރީ ލަންކާގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި


އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ ފުރަބަންދުގެ ޤަވާއިދުތަކަށް އެންމެންވެސް ތަބާވުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮވާލައްވައިފިއެވެ. އިންޑިޔާގައި 28,380 މީހުންނަށް ކޯވިޑް-19ގެ އަސަރުކޮށް، 886 މީހުންވަނީ މަރުވެފައެވެ.

ރޭޑިޔޯ މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އެޤައުމަށް ދިމާވެފައިވާ ޙާލަތުގެ ސަބަބުން މުޅި ޤައުމު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާކަމަށާއި އެއްމަސް ދުވަހަށް ޤައުމު ފުރަބަންދުކުރުމުން ބަލިފެތުރޭ މިންވަރު މަޑުޖެހިފައިވާކަމަށް ޤަބޫލުކޮށްގެން ނުވާނެކަމަށެވެ. އަދި އެއްވެސް މީހަކު އެމީހެއްގެ ސިޓީއަށް ނުވަތަ އަވަށަށް ނުވަތަ އޮފީހަށް ބަލިމަޑުކަމުގެ އަސަރު ފޯރާފައިނުވާކަމަށް ޤަބޫލުކޮށް އެމީހާއާ ހަމައަށް ބަލިމަޑުކަމުގެ އަސަރު ނުފޯރާނެކަމަށް ދެކިގެން ނުވާނެކަމަށް މޯދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައިދުރުކަން ބެހެއްޓުމާއި މާސްކު ބޭނުންކޮށްގެން މޫނު ނިވާކުރުމާއި ގިނަގިނައިން އަތް ދޮވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބަލިމަޑުކަމާ ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ބޭސް ކަމަށެވެ.

1.3 ބިލިއަނަށްވުރެ ގިނަ މީހުންނާއެކު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި ތޮށްޖެހުން ބޮޑުވުމާއި ނަރުދަމާއާއި ފެނުގެ ނިޡާމުގެ މައްސަލަތަކާއި އެއް އަވަށުން އަނެއް އަވަށަށް ގިނަ ޢަދަދެއްގެ މީހުން ޙިޖުރަކުރަމުން ދިޔުމުގެ ސަބަބުން އެޤައުމުގައި ބަލި ފެތުރޭ މިންވަރުދަނީ އެއްދުވަހަށްވުރެ އަނެއްދުވަހު އިތުރުވަމުންނެވެ. އެޤައުމު މާރިޗު މަހުގެ 25ވަނަ ދުވަހު ފުރަބަންދުކޮށް، ހަރުކަށި އުސޫލުތަކަކަށް ޢާންމުން ތަބާކުރެވޭތޯ ބެލުމަށް ރަސްމީ އިދާރާތަކުންދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެމަސައްކަތުގައި އިންޑިޔާގެ އިދާރާތައް ނާކާމިޔާބުވެފައިވާކަމަށް ކަމާބެހޭ މާހިރުން ޤަބޫލުކުރެއެވެ.

އިންޑިޔާގެ ފުރަބަންދުގެ މުއްދަތު މެއި މަހުގެ 3ވަނަ ދުވަހަށް ހަމަވާނެއެވެ. ނަމަވެސް ބެލެވޭގޮތުގައި އިންޑިޔާގެ ސަރުކާރުން ފުރަބަންދުގެ މުއްދަތު އަދިވެސް އިތުރުކުރާނެއެވެ.

ދެކުނު އޭޝިޔާގެ އެހެން ޤައުމެއްކަމަށްވާ ސްރީ ލަންކާގައި އިޢުލާންކޮށްފައިވާ ފުރަބަންދު މުއްދަތުވަނީ މެއި މަހުގެ 4ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. އެޤައުމުގެ އިދާރާތަކުން ބުނީ އެޤައުމުގެ އަސްކަރީ މަރުކަޒަކުން ބަލީގެ ޢަލާމާތްތައްހުރި ބަޔަކު ފެނިފައިވާކަމަށެވެ. އެޤައުމު އެންމެ ފުރަތަމަ ފުރަބަންދުކުރީ މާރިޗު މަހުގެ 20ވަނަ ދުވަހުއެވެ.

މީހެ އިތުރުން، ނޭޕާލުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތުވަނީ މެއި 7ވަނަ ދުވަހަށް އިތުރުކޮށްފައެވެ. އެޤައުމު އެންމެ ފުރަތަމަ ފުރަބަންދުކުރީ މާރިޗު މަހުގެ 24ވަނަ ދުވަހުއެވެ.