ޚަބަރު

އީރާނުގެ ބައެއް މިސްކިތްތައް ހުޅުވަނީ


އީރާނުގައި ކޯވިޑް-19 ފެތުރެމުންނުދާ ސަރަޙައްދުތަކުގެ މިސްކިތްތައް ހުޅުވުމުގެ ޙުއްދަ ދެއްވާނެކަަމަށް އެޤައުމުގެ ރައީސް ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ އީރާނެވެ. އެޤައުމުގައި 91,472 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް، 5,806 މީހުންވަނީ މަރުވެފައެވެ. އެޤައުމުގައި ބަލިމަޑުކަން ފެތުރޭ މިންވަރު ދަށްކުރުމަށް ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.

އީރާނުގެ އެކި ސަރަޙައްދުތަކުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދާއި މަރުވި މީހުންގެ ޢަދަދަށް ބެލުމަށްފަހު އެޤައުމުގެ ސަރަޙައްދުތައް ތިން ބަޔަކަށް ބަހާލަން ހަމަޖެހިފައިވާކަމަށް ރައީސް ރޫޙާނީވަނީ ވިދާޅުވެފައެވެ. އެގޮތުން ބަލިމަޑުކަމުގެ އަސަރު އެންމެ ކުޑަކޮށްކޮށްފައިވާ ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމަށް ސަރުކާރުންވަނީ ރާވާފައެވެ. އަދި އެސަރަޙައްދެއްގެ ޙާލަތަށް އަންނަ ބަދަލާ އެއްގޮތަށް އެސަރަޙައްދެއް ބަހާފައިވާ ގޮތަށް ބަދަލުގެނެވޭނެކަމަށް ރޫޙާނީވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ޖެހިފައިވާ މީހަކު ނެތް އަދި ބަލީގެ ސަބަބުން މީހަކު މަރުނުވާ ސަރަޙައްދުތަކުގެ މިސްކިތްތައް ހުޅުވާ ޖަމާޢަތުގައި ހުކުރު ނަމާދުކުރަން ފަށާނެއެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރަން ފަށާނެ ތާރީޚެއް އިޢުލާނުކޮށްފައެއް ނުވެއެވެ.

އީރާނުގެ ޞިއްޙަތާބެހޭ ވަޒީރުގެ ނައިބު އިރާޖު ހަރީޒީ ވިދާޅުވީ އެޤައުމުގެ 116 ސަރަޙައްދެއް ރައްކާތެރި ސަރަޙައްދުތަކެއްކަމުގައި ބެލެވިދާނެކަމަށެވެ. އަދި 134 ސަރަޙައްދެއްގެ ޙާލަތު އާދައިގެ ވަރަކަށް ރަނގަޅުވެފައިވާކަމަށެ ބެލެވޭކަމަށެވެ.

އީރާނުގެ ފިހާރަތަކާއި ބާޒާރުތަކާއި ޕާކުތައް މިދިޔަ ހަފުތާގެ ތެރޭގައިވަނީ ހުޅުވަންފަށައިފައެވެ. ނަމަވެސް މަދަރުސާތައް އަދިވެސް ހުރީ ބަންދުކޮށްފަައެވެ. ކޯވިޑް-19ގެ ސަބަބުން އީރާނުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދު 100އަށްވުރެ ދަށްކުރެވުނުތާ ދެހަފުތާވަނީއެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން އެޤައުމުގައި މަރުވީ 60 މީހުންނެވެ.