ޚަބަރު

އިނގިރޭސިވިލާތް އޮތީ ނުރައްކާތެރި ނާޒުކު ޙާލަތެއްގައި


ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތް އޮތީ ނާޒުކު އަދި ނުރައްކާތެރި ޙާލަތެއްގައި ކަމަށާއި އެޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުގައި ފަރުވާތެރިވާން ޖެހޭނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަސްޢޫލިއްޔަތާ ވަގުތީގޮތުން ޙަވާލުވެހުންނެވި އެޤައުމުގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް ކޯވިޑް-19 ޖެހިވަޑައިގެން ޞިއްޙީ ޙާލަތު ގޯސްވުމުން ބޮޑުވަޒީރުކަމުގެ މަސްޢޫލިއްޔަތާ ވަގުތީގޮތުން ޙަވާލުކުރެއްވީ މާލީ ވަޒީރު ޑޮމިނިކް ރާބަށެވެ. ބަލިން މުޅިން ފަސޭހަވެ ބޮޑުވަޒީރު ޖޮންސަން އަލުން މަސްޢޫލިއްޔަތުތަކާ މާދަމާ ޙަވާލުވެލައްވާނެއެވެ.

ބޮޑުވަޒީރުކަމުގެ މަސްޢޫލިއްޔަތު ޢަދާކުރުމާ ޙަވާލުވެހުންނެވި އެންމެ ފަހު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާބު ވިދާޅުވީ އިނގިރޭސިވިލާތުގެ ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމަށް ޚާއްޞަ ރޭވުންތަކެއް ރާވަމުންދާކަމަށެވެ. ނަމަވެސް އެނިންމުންތަކާމެދު ރައްޔިތުން މާކުރިން ގޮތެއް ނިންމައިފިނަމަ ގޭގައި މަޑުކުރަން އަނގާފައިވާ އެނގުމަށް ހުރަސް އެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާބު ވިދާޅުވީ އިނގިރޭސިވިލާތް އޮތީ ނާޒުކު އަދި ނުރައްކާތެރި ޙާލަތެއްގައި ކަމަށާއި މިވަގުތު އަޅާ ކޮންމެ ފިޔަވަޅަކީ ޙާލަތާ އެންމެ އެކަށީގެންވާ ފިޔަވަޅުކަން ޔަޤީންކުރަންޖެހޭކަމަށެވެ. އެހެންކަމުން ސަރުކާރުން ޢަމަލުކުރަނީ ވަރަށް ހުށިޔާރުކަމާއެކުކަމަށާއި ޞިއްޙީ މާހިރުންނާއި ސައިންސުވެރިންގެ ލަފާގެ މަތިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް މަރުޚަލާއަށް ފުރިހަމައަށް ތައްޔާރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އެޤައުމުގައި މިހާތަނަށް 152,840 މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 20,732އަށް އިތުރުވެފައެވެ.