ވިޔަފާރި

އެސްޓީއޯއިން ފިޔާ އަދި ބިސް ހޯލްސޭލްކޮށް ވިއްކަނީ


އެސްޓީއޯއިން ފިޔާ އަދި ބިސް ގަންނަން ބޭނުންވާ ވިޔަފާރިތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ ހޯލްސޭލްކޮށް ފިޔާ އަދި ބިސް ގަންނަން ބޭނުންވާ ވިޔަފާރިތަކުން ހެނދުނު 10 އަކުން މެންދުރުފަހު 3:30އަށް ހޮޓްލައިން ނަމްބަރަށް ގުޅައިގެން އޯޑަރުދެވޭނެ ކަމަށެވެ. އަދި އޯޑަރު ކޮންފަރމްވުމުން ދަތުރުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ތަކެތި ބަލާ އައުމުން ވަގުތުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑެލިވަރީގެ ޚިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކަންމަތީ ފިހާރަތަކާއި، ސުޕަރމާޓުތައް އަދި ދޯނިތަކަށް ޑެލިވަރ ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ދަނީ އެސްޓީއޯ ސުޕަރމާޓުން ލިބެން ހުންނަ ބައެއް ބާވަތްތައް އާއްމުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުޞަތު ދީ ޑެލިވަރީގެ ޙިދުމަތްވެސް ދެމުންނެވެ. އެގޮތުން "އީސްޓޯރ.އެމްވީ" މެދުވެރިކޮށް އާއްމުންގެ ގިނަ ބަޔަކުދަނީ ތަކެތި ގަންނަމުންނެވެ.

ކޮންމެ ދުވަހަކުވެސް 300 އޯޑަރު ނަގާއިރު، ކޮންމެ މީހަކަށް އެންމެ ގިނަވެގެން ނެގޭނީ 70 އައިޓަމް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އަދި އެދުވަހެއްގައި ގަންނަ ތަކެތި އެދުވަހަކު ޑެލިވަރވެސް ކޮށްދެއެވެ.