ޚަބަރު

ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލުމުގައި ސަމާލުވާންޖެހޭ: ޖަރުމަނުވިލާތް


ފަރުތުވެރިންގެ މެދުގައި މަޤުބޫލު މަންޒިލުތައް ވިލާތުގެ ޤައުމުތަކުން އަލުން ހުޅުވާލުމުގައި ފަރުވާތެރިވާންޖެހޭކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރޭތީ ބަންދުކޮށްފައި އޮތުމަށްފަހު އޮސްޓްރިއާގެ ސަރަޙައްދީ ރޮނގުތައް ޖަރުމަނުވިލާތާއި ޗެކްރިޕަބްލިކުން އަންނަ ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައިވާކަމަށް އެޤައުމުގެ ޗާންސެލަރ ސަބޭސްޝަން ކޯރްޒްވަނީ އިޢުލާނުކުރައްވާފައެވެ. ފަތުރުވެރިން ޢާންމުކޮށް ޒިޔާރަތްކުރާ އޮސްޓްރިއާގެ ތިން ސްކީ ރިސޯޓެއްވެސް ކަރަންޓީނުކޮށްފައި އޮތުމަށްފަހު އަލުންވަނީ ހުޅުވާފައެވެ. ނަމަވެސް ޖަރުމަނުވިލާތުން ދެކެނީ އަވަސް އަރުވާލައިގެން ފަތުރުވެރިންގެ މަންޒިލުތައް ހުޅުވާލުމުގެ ބަދަލުގައި ވިލާތުގެ ހުރިހާ ޤައުމަކުން ވަކި ރޭވުމެއްގެ ދަށުން ފަތުރުވެރިކަމުގެ ސިނާޢަތް ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

ހައިކޯ މާސް ވިދާޅުވީ މިއީ އެންމެ އަވަަހަށް މަންޒިލުތައް ހުޅުވަނީ ކޮން ޤައުމެއްތޯ ބަލަން ބާއްވާ މުބާރާތެއް ނޫންކަމަށާއި އެގޮތަށް އަވަސް އަރުވާލައިގެން ކަންތައް ކޮށްފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެކަމަށެވެ. ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެންފެށުނު ދުވަސްވަރު އޮސްޓްރިއާގެ ސްކީ ރިސޯޓެއްގައި ގިނަ ޢަދަދެއްގެ ފަތުރުވެރިންނަށް ކޯވިޑް-19 ޖެހުނު ހާދިޘާއަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގައި ބަލިމަޑުކަން ފެތުރި، ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމުން ވާނެގޮތް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް ވިލާތުގެ ޤައުމުތައް ހުޅުވާލުމުގައި ޒިންމާދާރުކަން އިސްކުރުމަކީ އެންމެ އެދެވޭ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފާއިތުވި ހަފުތާތަކުގައި ކޯވިޑް-19އާ ދެކޮޅަށް ބުރަ މަސައްކަތްތަކެއްކޮށް ހޯދި ކާމިޔާބީ ބޭކާރުވިޔަދީގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ ޖަރުމަނުވިލާތެވެ. އެޤައުމުގައި 156,727 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް، 5،880 މީހުންވަނީ މަރުވެފައެވެ. އޮސްޓްރިއާގައި 15,225 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް، 542 މީހުންވަނީ މަރުވެފައެވެ.