ޚަބަރު

6 ހަފުތާއަށްފަހު ސްޕެއިންގެ ކުޑަކުދިން މަގުމައްޗަށް


މަސް ދުވަހަށްވުރެ ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބުމަށްފަހު ސްޕެއިންގެ ކުޑަކުދިން ފުރަތަމަ ފަހަރަށް މަގުތައް މައްޗަށް ނުކުމެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސްޕެެއިނަށެވެ. އެޤައުމުގައި މިހާތަނަށް 223,759 މީހުންނަށް ބަލީގެ އަސަރުކޮށް 22,902 މީހުންވަނީ މަރުވެފައެވެ.

ސްޕެއިނުގައި ކޯވިޑް-19 ފެތުރެން ފެށުމުން މާރިޗު މަހުގެ 14ވަނަ ދުވަހު އެޤައުމުގެ ސަރުކާރުންވަނީ ޞިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އަދި ޤައުމު ފުރަބަންދުކޮށް، ބޭރުތެރެއަށް މީހުން ނުކުމެ އުޅުންވަނީ މަނާކޮށްފައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19އާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ސްޕެއިނުގައެވެ.

ހަ ހަފުތާއަށް ފަހު 14 އަހަރުން ދަށުގެ ކުޑަކުދިން ބޭރަށް ނުކުތުމުގެ ޙުއްދަ ދިނީ ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިހަފުތާގެ ތެރޭގައި އެންމެ ބޮޑަށް ދަށަށް ދިއުމުންނެވެ. ކޯވިޑް-19ގެ ސަބަބުން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 300އަށް ދަށްކުރެވިފައެވެ. ބޭރަށް ނުކުތުމުގެ ޙުއްދަ ދިނުމުން ސްކޫޓަރުތަކާއި ސްކޭޓުބޯޑުތަކާއި ބައިސްކަލުތަކުގައި ސްޕެއިންގެ އެކި ސަރަޙައްދުތަކުގައި ކުޑަކުދިންވަނީ މަގުމައްޗަށް ނުކުމެފައެވެ.

ނުވަ އަހަރުގެ ލޫސިއާ އިބަނޭޒް އޭނާގެ މަންމައާއެކު ހިނގާލަން ނުކުމެ ބުނީ ގޭގައި މަޑުކުރަންޖެހުމުން މަގުތަކާއި ޕާކުތަކަށް ދިޔުންމަތިން ވަރަށް ހަނދާންވިކަމަށާއި ބޭރުތެރެއަށް ނުކުމެ ސާފު ވައި ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި މަދަރުސާއަށް ދިޔުމަކީ އޭނާ އެހާ ކުރާހިތްވާ ކަމެއްކަމަށްނުވިނަމަވެސް މަދަރުސާއަށް ނުގޮސް ގޭގައި ހުންނަން ޖެހުމުން ވަރަށް ބޮޑަށް މަދަރުސާއަށް ދާހިތްވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސްޕެއިންގައި މަދަރުސާތައް ހުޅުވާފައެއް ނުވެއެވެ.

ސްޕެއިނުގެ ކުޑަކުދިންނަށް ހެނދުނު 9ން ރޭގަނޑު 9އަށް ބޮޑުމީހެއްގެ ބެލުމުގެ ދަށުން އެއްގަޑިއިރަށް ބޭރަށް ނުކުމެވޭނެއެވެ. ނަމަވެސް ޕާކުތަކުގައި ހުންނަ ކުޅޭ ސާމާނު ބޭނުންކުރުމާއި އެހެން މީހުންނާ 2 މީޓަރަށްވުރެ ކައިރިވުން މަނާވާނެއެވެ. އަދި ބޭރުތެރޭ އުޅެވޭނީ އެކުއްޖެއް ދިރިއުޅޭ ގެއާހިސާބުން 1 ކިލޯމީޓަރުގެ ސަރަޙައްދެއްގައެވެ.

ދެކުދިންގެ މަންމައެއްކަމުގައިވާ ތަމާރާ ރޮމެރޯ ބުނީ ފާއިތުވި ހަ ހަފުތާ ގެއިން ނުނުކުމެ ތިބެން ޖެހުނުކަމުގައިވީނަމަވެސް އެއީ ދިގު މުއްދަތެއްކަމަށް އިޙުސާސު ނުކުރެވޭކަމަށެވެ. ކުދިންނާއެކު ގޭތެރޭގައި ކުޅިވަރުކުޅެލާ، އެއްވެސް ކަމަކަށް ބޭނުމެއް ނުޖެހި އެމުއްދަތު ހޭދަކުރެވުނީތީ އެކަމާ އުފާކުރާކަމަށް އޭނާ ބުންޏެވެ.