ޚަބަރު

ވެކްސިނެއްގެ އުއްމީދުގައި އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރަން ތައްޔާރަށް


ދުނިޔޭގެ 210 ޤައުމަކާއި ސަރަޙައްދަކުން 3 މިލިއަން މީހުންނަށްވަނީ ނުރައްކާތެރި ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 200،000އަށްވުރެ އިތުރުވެފައެވެ. ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުވަނީ ހުއްޓިފައެވެ. ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފައްދަން ސަރުކާރުތަކުންނާއި ބޭސް އުފައްދާ ކުންފުނިތަކާއި މަދަނީ ޖަމްޢިއްޔާތަކުންދަނީ އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ބައްޔާ ދެކޮޅަށް ތައްޔާރުކުރާ ވެކްސިންތައް ކާމިޔާބުވާނެކަން ޔަޤީނެއް ނޫނެވެ.

ކޮރޯނާވައިރަހަށް ވެކްސިނެއް އުފައްދަން ކުރާ މަސައްކަތަކީ މީގެ ކުރިން ދުވަހަކުވެސް ވެކްސިނެއް އުފައްދަން މަސައްކަތްނުކުރާހާ ބާރުމިނުގައި ކުރިއަށްދާ މަސައްކަތްތަކެކެވެ .ސައިންސުވެރިންގެ އަމާޒަކީ ކުރިއަށްއޮތް 12އާއި 18 މަހުގެ ތެރޭގައި ވެކްސިނެއް އުފައްދާ ބާޒާރަށް ނެރެ އެތައް މިލިއަން މީހުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތުގައި ވެކްސިން ތައްޔާރުކުރުމާއި ތަހުލީލުކުރުމުގައި މަސައްކަތްކުރަނީ ޢާންމުކޮށް ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތަކަށް ނޫނެވެ. ވެކްސިނެއް ތައްޔާރުކުރުމުން އެވެކްސިން ފާސްވާނެކަމެއްވެސް ނޭނގެއެވެ. ނަމަވެސް ވެކްސިން ފާސް ވެދާނެކަމުގެ އުއްމީދުގައި ދުރާލާ ތައްޔާރުވެ ގިނަ ޢަދަދަކަށް ވެކްސިން އުފެއްދޭނެ ކާރުޚާނާތައް މިހާރުވަނީ ތައްޔާރީ ޙާލަތުގައެވެ.

އެމެރިކާގެ ޖޮންސަން އެންޑް ޖޮންސަން ކުންފުނިންދަނީ އެމެރިކާގެ ސަރުކާރާއި ގުޅިގެން ކޮރޯނާވައިރަހާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރަން މަސައްކަތްކުރަމުންނެވެ. 1 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ކުރަމުންދާ މަސައްކަތުގެ އަމާޒަކީ އެންމެ ކުރު މުއްދަތެއްގައި ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރުމެވެ. ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ އިސް ސައިންސުވެރިޔާ ޕޯލް ސްޓޮފެލްސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިޘާގެ ބޮޑުކަމުން ވެކްސިނެއް ތައްޔާރުކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަމުގައިވީނަމަވެސް ބަލި ފެތުރުން ހުއްޓުވަން މަސައްކަތްކުރަން ޖެހޭކަމަށެވެ. ޕޯލް ވިދާޅުވީ އެމީހުން އުފައްދާ ވެކްސިން ނާކާމިޔާބުވެއްޖެނަމަ ބޮޑެތި ގެއްލުންތަކެއް ވާނެކަމަށެވެ.

ޖޮންސަން އެންޑް ޖޮންސަންގެ އިތުރުން ގާތްގަނޑަކަށް 115 ކުންފުންޏަކުންދަނީ ކޮރޯނާވައިރަހާ ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެގޮތަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވަނީ ގާތްގަނޑަކަށް 6 އިންސައްތަ ވެކްސިނެވެ. އެހިސާބަށް ވާސިލްވެވެނީވެސް ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރުމަށް ފަހުގައެވެ.

ކާމިޔާބު ވެކްސިނެއް އުފެއްދުމުން މަސައްކަތް ނިމުނީކީ ނޫނެވެ. ވެކްސިން ތައްޔާރުވެ ބާޒާރަށް ނެރުމުގެ ހުއްދަ ލިބެންވާއިރަށް ގިނަ ޢަދަދަކަށް ވެކްސިން ތައްޔާރުކޮށް ބާޒާރަށް ނެރެ ބެހޭނެ ގޮތެއްވެސް ހޯދަން ޖެހެއެވެ. އޭގެ މާނައަކީ މިހާރުންސުރެ ކާރުޚާނާތައް އުފެއްދުމުގެ މަސައްކަތް ފެށުމެވެ.

"ވަރަށް ގިނަ ޙަރަދުކޮށްގެން އެބަޖެހޭ ދުރާލާ ވެކްސިން ލާޖު ސްކޭލުގައި އުފެއްދޭނެ ގޮތެއް ހޯދަން. މިކަން މިކުރަންޖެހެނީ ވެކްސިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަމެއްވެސް ނެތި. ވެކްސިން ކާމިޔާބުވެެއްޖެނަމަ މިލިއަނުން ޑޯޒްތައް އުފައްދާ ބާޒާރަށް ނެރުމަށް ތައްޔާރަށް ތިބެންޖެހޭ،" އެމެރިކާގެ ރައީސް ޖޯޖު ޑަބްލިއު ބުޝްގެ ދައުރުގައި އެމެރިކާގެ ބަލިމަޑުކަމާބެހޭ އުސޫލުތައް އެކުލަވާލެއްވުމުގައި އިސްކޮށް އުޅުއްވި ޑޮކްޓަރެއްކަމުގައިވާ ރިޗަޑް ހެޗެޓް ވިދާޅުވިއެވެ.

ބަލިމަޑުކަމާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ތައްޔާރުކުރާ ކުންފުނިތަކަށް ލިބޭނޭ ފައިދާތަކެއް އެބަހުއްޓެވެ. އެގޮތުން އެދާއިރާގައި ނަން މަޝްހޫރުވެ ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތު އެކުންފުންޏަކަށް ލިބެއެވެ. އަދި އެކުންފުނިތަކުގެ ޙިއްޞާގެ އަގު އުފުލިގެންދެއެވެ. ބޭސް އުފައްދާ މަޝްހޫރު ދެކުންފުނިކަމުގައިވާ ޖޮންސަން އެންޑް ޖޮންސަނާއި ގްލެކްޒޯސްމިތުކްލައިންފަދަ ބޮޑެތި ކުންފުނިތަކުންވަނީ ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެނަމަ ބާޒާރަށް ނެރޭނީ ޚަރަދުވި އަގުގައިކަމަށް ބުނެފައެވެ. އެހެން ޢަމަލުކުރިކަމުގައިވީނަމަވެސް އެވެކްސިނަކީ އާދަވެގެން މޫސުމީކޮށް ދޭންޖެހޭ ވެކްސިނެއްނަމަ ފަހުން ލިބޭ ފައިދާ ބޮޑުވާނެއެވެ. އަދި ޤައުމުތަކުން ގަނޑުކޮށް ވެކްސިން ގަތުމުންވެސް ފައިދާވާނެއެވެ. ނަމަވެސް ވެކްސިނެއް އުފައްދާ ބާޒާރަށް ނެރުމުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ މައިގަނޑު ކަންބޮޑުވުމަކީ ވެކްސިނެއް ކާމިޔާބުވީނަމަވެސް ބޭނުންޖެހިފައިވާ އެންމެންނަށް ފުދޭ މިންވަރަށް ވެކްސިން ނުލިބުމެވެ.

ޑރ. ރިޗަޑް ހެޗެޓު ވިދާޅުވީ ވެކްސިންގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މީހުންނަށް ވެކްސިން އަވަހަށް ފޯރުކޮށްދެވިއްޖެނަމަ ބަލިމަޑުކަމުން އަވަަހަށް ސަލާމަތްވެ، އިޤްތިޞާދުވެސް ރަނގަޅުވާން ފަށާނެކަމަށެވެ. ވެކްސިންގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މީހުންގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނާއި މުސްކުޅިންނާއި އެހެން ބައްޔެއްގެ ސަބަބުން ބަލިމަޑުކަމުގެ އަސަރުކުރުމުގެ ފުރުޞަތު ބޮޑު މީހުން ހިމެނެއެވެ. ނަމަވެސް ބޭނުންޖެހިފައިވާ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި ދިމާވެދާނެ މައްސަލައަކީ މުއްސަނދި ޤައުމުތަކުން ގަނޑުކޮށް ވެކްސިން ހޯދާ އެއްކޮށްފައި ބެހެއްޓުމެވެ. 2009ވަނަ އަހަރު އެޗު1އެން1 ބަލިމަޑުކަން ފެތުރުނުއިރާއި އެފަދަ އެހެން ޙާލަތްތަކުގައި ކަންހިނގާފައިވާ ގޮތަކީ އެއީއެވެ. މިފަހަރު އެގޮތަށް ކަންތައް ވެއްޖެނަމަ ބައެއް ސަރަޙައްދުތަކުގައި ބަލިމަޑުކަން ފެތުރުން ނުހުއްޓޭނެއެވެ. އެހެންވާނަމަ އަނެއްކާވެސް ބަލިމަޑުކަން ފެތުރެން ފެށުން އެކަށީގެންވެއެވެ.

އާންމު އުސޫލެއްގެގޮތުން ވެކްސިން މަސައްކަތްްކުރޭތޯ ބަލާ އޭގެ ރައްކާތެރިކަން ޔަޤީންކުރަނީ ދެމަރުހަލާއެއްގެ މަތިންނެވެ. މިހާރު ދެކަންތައްވެސް ކުރަމުންދަނީ އެއްފަހަރާއެވެ. އެއްފަހަރާ އެކި ޤައުމުތަކުގެ އިދާރާތަކާ ވާހަކަދައްކާ އެންމެ އަވަހަށް ބާޒާރަށް ނެރެވޭނެ ގޮތެއް ހޯދަން ކުންފުނިތަކުުންދަނީ މަސައްކަތްކުރަމުންނެވެ.