ޚަބަރު

ރައީސް ޓްރަންޕު ދެއްވި ޚިޔާލުގެ ސަބަބުން 100އެއްހާ މީހުން އެނދުމަތިކޮށްފި


ކޯވިޑް-19ގެ ފަރުވާއަކަށް ޖަރާސީމު ފިލުވަން ބޭނުންކުރާފަދަ މާއްދާތައް ހަށިގަނޑުގެ ތެރެއަށް ފޮނުވޭނެ ގޮތެއް ތަހުލީލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ގޮވާލެއްވުމުގެ ސަބަބުން އެމެރިކާގައި 100އަށްވުރެ ގިނަ މީހުން ހަސްފަތާލުގައި އެނދުމަތިކުރަން ޖެހިއްޖެއެވެ.

ކޮންމެ ދުވަހަކުވެސް ވަައިޓު ހައުސްގައި ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ޓްރަންޕު ވިދާޅުވީ ޖަރާސީމު ނައްތާލަން ބޭނުންކުރާ ކެމިކަލް ނޫނީ ބާރުގަދަ އަލި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ހަށިގަނޑަށް ފަރުވާއެއްގެ ގޮތުގައި އެތެރެކުރެވޭނެ ގޮތެއް ސައިންސުވެރިން ހޯދަންވެއްޖެކަމަށެވެ. އަދި އިންޖެކްޝަނެއްފަދަ އާލާތެއް ބޭނުންކޮށްގެން އެގޮތަށް ހަށިގަނޑު ސާފުކުރެވޭތޯ އަޖުމަބަލާލުމަކީ ޝައުގުވެރިކަމަކަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޓްރަންޕު ފަހުންވަނީ އެއީ ނޫސްވެރިންނަށް ޖެއްސުންކޮށްލުމަށް ވިދާޅުވި ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

ޓްރަންޕުގެ ހުށަހެޅުއްވުމާ ދެކޮޅަށް ގިނަ ޢަދަދެއްގެ ސައިންސުވެރިންނާއި ޞިއްޙީ މާހިރުން ވާހަކަދެއްކެވި ނަމަވެސް އެމެރިކާގެ ބައެއް ނޫސްތަކުން ބުނީ ޓްރަންޕުގެ ޚިޔާލުގެ މައްޗަށް ޢަމަލުކޮށް، މިހާތަނަށް 100އެއްހާ މީހުން ހަސްފަތާލުތަކުގައި އެނދުމަތިކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން މަދުވެެގެން 30 މީހުންނަކީ ނިއުޔޯކް ސިޓީގައި ދިރިއުޅޭ މީހުންކަމަށް އެސިޓީގެ ނޫހަކުންވަނީ ބުނެފައެވެ. އަދި ގޭތެރެ ސާފުކުރަން ބޭނުންކުރާ މާއްދާތަކުން ބަލި ފެސޭހަކޮށްދޭ ގޮތް އޮޅުންފިލުވުމަށް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް އެތައް ފޯނުކޯލެއް އައިސްފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޓްރަންޕުގެ ވާހަކަފުޅަށްފަހު ފާހާނާއާއި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ޑިޓޮލާއި ލައިސޮލް މަރުކާގެ އުފެއްދުންތައް އުފައްދާ ރެކިޓް ބެންކީޒާ ކުންފުނިން ނެރުނު ބަޔާނެއްގައިވަނީ ގޭތެރެ ސާފުކުރަން ބޭނުންކުރާ ކެމިކަލް ނުބުއިމަށާއި އިންޖެކްޝަނުގެ ޒަރީއާއިން ހަށިގަނޑަށް އެތެރެނުކުރުމަށް ގޮވާލައިފައެވެ. އަދި ވޮޝިންޓަން ސްޓޭޓުންވެސް ރައީސް ޓްރަންޕު ވިދާޅުވި ގޮތަށް ކަންތައް ނުކުރުމަށް ގޮވާލާ ކުއްލި އެންގުމެއް ނެރެފައެވެ. އޭގެ އިތުރުން އެމެރިކާގެ ކުރީގެ މަސައްކަތްތެރިކަަމާބެހޭ ވަޒީރު އަދި އިޖުތިމާޢީ ސިޔާސަތުތަކާބެހޭ މާހިރެއްކަމަށްވާ ރޮބަޓް ރީޝްވަނީ ޓްރަންޕު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ސަބަބުން ޢާންމުންގެ ޞިއްޙަތައް ނުރައްކާވަމުންދާކަމަށް ވިދާޅުވެފައެވެ.
ރީޑިން ޔުނިވާސިޓީގެ ޑިރެކްޓަރެއްކަމަށްވާ ޕެރެސްތޫ ދޮންޔާވެސް ވިދާޅުވީ ރައީސް ޓްރަމްޕް ވިދާޅުވި ވާހަަކަތަކަކީ އޭގައި އެއްވެސް ޢިލްމީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ. ޓްރަންޕު މީގެ ކުރިން ވިދާޅުވެފައިވާ ބައެއް ވާހަކަތަކުގެ ސަބަބުން ބައެއް މީހުން ޑޮކްޓަރުންގެ ލަފަޔާނުލާ ބޭސް ބޭނުންކޮށް، ހަށިގަނޑަށް ގެއްލުން ލިބިފައިވާ އޭނާ ވަނީ ފާހަގަކުރައްވާފައެވެ.