ސިޔާސީ

ޓެރަރިޒަމާ ބެހޭ ބިލް މަޖިލީހަށް ބަލައިގެންފި


ޓެރަރިޒަމްކަމުގައި ބަލާ ހަރަކާތްތައް އިތުރުކޮށް، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިއުމަކީ ޓެރަރިޒަމްގެ ކުށެއްކަމުގައި ހިމެނޭގޮތަށްހުށައެޅި ޓެރަރިޒަމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފިއެވެ.މިބިލް މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މިބިލް މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމާ އެކު މިހާރު އަމަލުކުރާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އުވޭނެއެވެ.އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ހުށައަޅުއްވާފައިވާ މިބިލްގައި ބުނެފައިވާ ގޮތުގައި ދިވެއްސަކު ރާއްޖޭން ބޭރުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ވެސް ކުށެެކެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދާން އުޅުމާއި، ރާއްޖެ ދޫކޮށް ދިއުމަކީވެސް ކުށެކެވެ.  މިބާވަތުގެ ކުށެއްކޮށްފިނަމަ އަދަބަކީ، 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަމަށް ބިލުގައި ބުނެފައިވެއެވެ. މިބިލްގައިި ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް، ނުވަތަ އާންމުންނަށް ބިރު ދެއްކުމަށް ނުވަތަ އާންމުންގެ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް، ނުވަތަ ގާނޫނާ ހިލާފަށް ސިޔާސީ، ދީނީ ނުވަތަ އެހެނިހެން ވެސް ފިކުރެއް ކުރިއަރުވަން ކުރާ ކަންކަމަކީވެސް ކުށެކެވެ.އެގޮތުން އެއިން މަގުސަދެއް ހާސިލްކުރަން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ގެއްލުން ދިނުމާއި، ފުރާދުއްވާ އެއްޗެހި ހައިޖެކްކުރުމާއި، ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ނުރައްކާތެރިވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި، މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ ހިދުމަތް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެކެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމަކީ ވެސް ކުށެކެވެ.މިހާރު އަމަލުކުރާ ގާނޫނުގައި ޓެރަރިޒަމްގެ ކުށަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުން ކަމުގައި ވީނަމަވެސް މުހައްމަދު އަބްދުﷲ ހުށައެޅުއްވި މިބިލްގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ޓެރަރިޒަމްގެ ޖަމާއަތްތަކުގެ ލިޔެކިޔުން ފެތުރުމާއި ޝާއިއުކުރުމަކީ، އަދި ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ފެތުރުމަކީ ވެސް ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ.މިބިލަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ތާއީދުކޮށް ވާހަކަ ދެއްކިނަމަވެސް އިދިކޮޅު މެމްބަރުން ތާއީދުކޮށްފައެއްނުވެއެވެ.ޓެރަރިޒަމްގެ ތުހުމަތުތަކާ ގުޅިގެން މީހުން މޮނިޓަރކޮށް ކޮންޓްރޯލް ކުރެވޭނެ އާ ނިޒާމެއް ގާއިމުކުރުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ މީހެއްގެ މައްޗަށް، އެ މީހަކު އުޅޭނޫޅޭ ގޮތް ބެލުމަށާއި އެ މީހާގެ މުއާމަލާތްތަކާއި ފައިސާ އާއި މުދަލުގެ މަޢުުލޫމާތު ދިނުމަށް ކޯޓުގެ އަމުރެއްގެ ދަށުން އެންގޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.