ސިޔާސީ

ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް މަޖިލީހުން ފާސްކޮށްފި


އެއްގަމު ދަތުރުފަތުގެ ގާނޫނާއި ޚިލާފްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުރުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ހުށައެޅުއްވި އެއިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.އެއްގަމު ދަތުރުފަތުގެ ގަނޫނަށް ހުށައަޅާ، މިއަދު ފާސްކުރި އެއިސްލާހުގައިވާގޮތުން، އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއާއި، ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ އެއްކޮށް މައާފުވާނެއެވެ.މިއިސްލާހުގައި ބުނެފައިވަނީ، މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާ ހުރިހާ ފައިސާއެއް މައާފްވާނެކަމަށެވެ. މީގެއިތުރުން ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދެއް ފުލުހުން ނަގައިގެން ގެންދާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މަޢުލޫމާތު ފަސޭހައިން ފެންނާނެހެން އާންމުކުރެވޭނެކަމަށާއި، އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއްދެވޭނެކަމަށެވެ. އެއަށްފަހު މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތުގެ ތެރޭގައި އެއުޅަނދަކާއި ހަވާލުނުވެއްޖެނަމަ އެއުޅަނދެއް ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާނެކަމަށެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ވަނީ އިސްތިސްނާކޮށްފައެވެ. އަދިޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ ޚާއްސަ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ ދެއްކުންވެސް ވަނީ އިސްތިސްނާކޮށްފައެވެ.އެބިލް ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވަނީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ޚަރަދު ކުޑަކުރުމާއި، ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ ހައްލުކޮށް އެކަމަށް ޒަމާނީ ފިޔަވަޅުތަކެއް ތައާރަފްކުރުމެވެ.