ޚަބަރު

އިންޑިޔާގެ ކަރަންޓީނު މަރުކަޒުތަކުގެ ޙާލަތާމެދު ހިތްހަމަނުޖެހިގެން މީހުން ފިލަނީ


ކޯވިޑް-19 ފެތުރޭތީ އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒުތަކުގެ ފެންވަރާމެދު ޝަކުވާކޮށް، އެތަންތަނުން އެތައް ހާސް ބަޔަކު ފިލަން މަސައްކަތްކުރަމުންދާކަަމަށް އިންޑިޔާގެ ސަރުކާރުން ބުނެފިއެވެ.

އިންޑިޔާގައި 25،000 މީހުންނަށް ކޯވިޑް-19 ޖެހި، 780 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގެ ކަރަންޓީނު މަރުކަޒުތަކަށް އެންމެ ފުރަތަމަ ގެންދަންފެށީ ކޯވިޑް-19 ޖެހި ބަލީގެ ޢަލާމާތްތައް ނުފެންނަ މީހުންނާއި އެމީހުންނާ ކޮންމެވެސް ގޮތަކުން ބައްދަލުވެފައިވާ މީހުންނާއި ބޭރު ޤައުމުތަކުން އެނބުރި ޤައުމަށް އަންނަ މީހުންނެވެ. ނަމަވެސް އިންޑިޔާ ފުރަބަންދުކުރުމުން ނިއު ދިއްލީއާއި މުމްބާއީއާއި އަހުމަދުއާބާދުފަދަ ބޮޑެތި ސިޓީތަކުގައި މަސައްކަތްކުރާ ނިކަމެތިންވަނީ އެމީހުންގެ އަމިއްލަ އަވަށަށް ދިޔުމަށް ފައިމަގުގައި ދަތުރު ފަށާފައެވެ. އިންޑިޔާގެ ފުލުހުންވަނީ އެގޮތަށް ދަތުރުކުރަމުންދިޔަ އެތައްހާސް ބަޔަކު ހުއްޓުވާ ކަރަންޓީނު މަރުކަޒުތަކަށް ގެންގޮސްފައެވެ. އޭގެ ސަބަބުން އެތަންތަންވަނީ ބާރުބޮޑުވެ ތޮށްޖެހިފައެވެ. އެތަންތަނުގެ ސާފުތާހިރުކަމާމެދު ގިނަ ބަޔަކުދަނީ ޝަކުވާ ކުރަމުންނެވެ. އެތަންތަނުން ލިބޭ ކެއުމާމެދުވެސް ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހިފައެވެ. އަދި އެމަރުކަޒުތަކުގައި ބަލިފެތުރުނަ ނުދިނުމަށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓޭނެ ގޮތެއް ނެތްކަމުގެ ޝަކުވާވެސް ގިނަ ޢަދަދެއްގެ މީހުންދަނީ ކުރަމުންނެވެ.

އިންޑިޔާގެ ސަރުކާރުން ބުނީ އެޤައުމުގެ ކަރަންޓީނު މަރުކަޒުތައްވަނީ ނުތަކާ މިންވަރަށް ބާރުބޮޑުވެފައިވާކަމަށެވެ. އަދި އެތަންތަނުގައި ތިބި މީހުން އެދެމުންދާ ކަންކަން ކޮށްދިނުމަށް ސަރުކާރުން ނުކުޅެދިފައިވާކަމަށްވަނީ އެއްބަސްވެފައެވެ. ރަނގަޅު ފެންވަރުގެ އެނދުތަންމައްޗާއި ސާފުތާހިރު ފާހާނާއާއި ރަނގަޅު ކާނާ ފޯރުކޮށްދިނުމަށް ގިނަ ޢަދަދެއްގެ މީހުންދަނީ އެދެމުންނެވެ. ނަމަވެސް ކުރިމަތިވެފައިވާ ޙާލަތަށް ހޭނެންޖެހޭކަމަށާއި ކެތްތެރިކަން އިސްކުރުމަށް އިންޑިޔާގެ ސަރުކާރުންދަނީ ނަސޭހަތްތެރިވަމުންނެވެ.

އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ޤާއޮމުކޮށްފައިވާ ކަރަންޓީނު މަރުކަޒުތަކުގައި އޭޕްރިލް 16ވަނަ ދުވަހުން ފެށިގެން 27 ހަމަނުޖެހުންވަނީ ހިނގާފައިވެއެވެ. އުއްތަރު ޕްރަދޭޝްގައި ކަރަންޓީނު މަރުކަޒެއްގެގޮތުގައި ބޭނުންކުރަމުންދާ މަދަރުސާއެއްގައި ތިބި 25 ޒުވާނަކުވަނީ އެތަން ބަލަހައްޓާ މީހުންނާ ކުރިމަތިލާ، މަރުކަޒުން ފިލައިގެން ގޮސްފައެވެ. ކަމާބެހޭ އިދާރާތަކުންވަނީ ކައިރި އަވަށެއްގައި އެމީހުން ތިއްބާ އަލުން ކަރަންޓީނު މަރުކަޒަށް ގެންގޮސްފައެވެ. ރަސްމީ ފަރާތްތަކުން ބުނީ ކަރަންޓީނު މަރުކަޒުތަކުގައި ތިބި މީހުންގެ ނުތަނަވަސްކަމާއި ރުޅިވެރިކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

ކަލްކަތާގައި ޤާއިމްކޮށްފައިވާ ކަރަންޓީނު މަރުކަޒަކުން ވާހަކަދެއްކި އަންހެނަކު ބުނީ އޭނާ ހުރި މަރުކަޒުގައި 80 މީހުން ތިބިކަމަށެވެ. އެމީހުން ބޭނުންކުރަން ހުރީ އެންމެ ދެ ފާހާނާއެވެ. "އަހަރެމެން މިތަނުގައި މިތިބީ ބަކަރިތަކެއްހެން ތޮށްޖެހިފައި،" އޭނާ ބުންޏެވެ..

ކޯވިޑް-19އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރަމުންދާ ޞިއްޙީ ޚިދުމަތްތެރިންވެސްދަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އުއްތަރު ޕްރަދޭޝްގެ ކަރަންޓީނު މަރުކަޒެއްގައި ތިބި ޑޮކްޓަރުންތަކެއްވަނީ ގިނަ ދުވަސްވެފައިވާ ކާބޯތަކެއްޗާއި މުޑުދާރު އަދި ނަޖިސް ފާހާނާތައް ފެންނަ ވީޑިއޯ ޢާންމުކޮށްފައެވެ. އެމީހުންވަނީ އެނދުތަންމަތި ނުލިބުމުގެ ޝަކުވާވެސް ކޮށްފައެވެ.

އިންޑިޔާގެ ސަރުކާރުން ބުނީ ޙާލަތު ރަނގަޅުކުރަން މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެންމެންވެސް ކެތްތެރިވުމަށް ސަރުކާރުންވަނީ އިލްތިމާޞްކޮށްފައެވެ.