ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިތުރު ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރު


ކޯވިޑް-19 ފެތުރޭތީ ބަންދުކުރި އިމާރާތްތައް އަލުން ހުޅުވުމުގެކުރިން ސަމާލުވުމަށް ޢާންމު ޞިއްޙާތާބެހޭ މާހިރުން ގޮވާލައިފިއެވެ.

ޞިއްޙީ މާހިރުންވަނީ ގިނަ ދުވަސްތަކެއްވަންދެން ބޭނުންނުކޮށް ހުންނަ އިމާރާތްތަކުގެ ފެން ދައުރުކުރާ ނިޡާމުގެ ތެރެއިން ލީޖަނާސް ޑިޒީސް ނަމަކަށް ކިޔާ ބައްޔެއް ފެތުރެންފަށާފާނެކަމުގެ އިންޒާރުދީފައެވެ. އެބައްޔަކީ ފުއްޕާމެޔަށް ޖެހޭ ބައްޔެއްކަމަށްވާ ނިއުމޮނިއާގެ ނުރައްކާތެރި ވައްތަރެކެވެ. އެމެރިކާގައި 2000ވަނަ އަހަރާއި 2015ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 50،000 މީހުންނަށް އެބަލިވަނީ ޖެހިފައެވެ. އެބަލިޖެހުނު ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކަކުވަނީ މަރުވެފައެވެ.

ކޯވިޑް-19 ފެތުރޭތީ މަދަރުސާތަކާއި ކާރުޚާނާތަކާއި ވިޔަފާރިތަކާއި އިދާރާތައްވަނީ ދުނިޔޭގެ ގިނަ ސަރަޙައްދުތަކެއްގައި ކުއްލިގޮތަކަށް ބަންދުކޮށްފައެވެ. އޭގެ ސަބަބުން އިމާރާތްތަކުގެ ފެނުގެ ނިޡާމް ބޭނުންކުރުންވަނީ ކުއްލި ގޮތަކަށް ހުއްޓިފައެވެ. ފެން ދައުރުކުރާ ހޮޅިތަކުގެ ތެރެއިން ކްލޮރިން އަޅާފައިވާ ފެން ދައުރުނުކުރުމާއި ހޮޅިތަކުގެ ފިނި ހޫނުމިނަށް ބަދަލު އައުމުގެ ސަބަބުން ހޮޅިތަކުގައި ލީޖަނާސް ޑިޒީސް ޖައްސާ ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް މާހިރުންވަނީ ބުނެފައެވެ. އެހެންކަމުން އެފަދަ އިމާރާތްތައް އަލުން ބޭނުންކުރަން ފެށުމުގެ ކުރިން ސަމާލުވާން ޞިއްޙީ މާހިރުންދަނީ އިމާރާތްތަކުގެ ވެރިފަރާތްތަކަށް ގޮވާލަމުންނެވެ.

ލީޖަނާސް ޑިޒީސް ޖެހިފައިވާކަން ކުރިން ދެނެގަނެވިއްޖެނަަމަ އެބަލީގެ ސަބަބުން ކުރިމަތިވާ ނުރައްކާ ކޯވިޑް-19ން ލިބޭ ގެއްލުމަށްވުރެ ކުޑަވާނެއެވެ. ލީޖަނާސް ޑިޒީސަކީ އެންޓިބައޮޓިކް ބޭނުންކޮށްގެން ފަރުވާ ދެވޭ ބައްޔެކެވެ. އަދި ކޯވިޑް-19އާ ޚިލާފަށް އެބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. ނަމަވެސް ޞިއްޙީ ނިޡާމަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައި ކޯވިޑް-19އާ ވައްތަރު ޢަލާމާތްތަކެއް ހުންނަ ލީޖަނާސް ޑިޒީސްގެ ސަބަބުން ޞިއްޙީ ނިޡާމަށް ކުރިމަތިވެފައިވާ ބުރަ އިތުރުވެގެންދާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

ތިންް ހަފުތާއަށްވުރެ ގިނަ ދުވަހަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާ އިމާރާތްތަކުގެ ފެން ހޮޅިތައް ސާފުކުރުމުގެ މުހިންމުކަން ޞިއްޙީ މާހިރުންވަނީ ފާހަގަކޮށްފައެވެ. މަދަރުސާތަކާއި ޖިމްތަކާއި ކާރުޚާނާތަކާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޞިއްޙީ މާހިރުންވަނީ ގޮވާލާފައެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކުގައި ފެނުން ހިންގާ އާލާތްތައް ބޭނުންކުުރުމުގައި ސަމާލުވާންވެސް ޞިއްޙީ މާހިރުންވަނީ އިންޒާރުދީފައެވެ. އަދި ފާހާނާތަކަށާއި ފެންއަރުވާވަޑާމުތަކަށް ފެންފޯރުކޮށްދޭ ހޮޅިތައް ސާފުކުރުމުގެ މުހިންމުކަންވެސްވަނީ ފާހަގަކޮށްފައެވެ.

ލީޖަނާސް ޑިޒީސުން ރައްކާތެރިވުމަކީ ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ސަމާލުކަން ދޭންޖެހޭނެކަމެއްކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އަދި އެމައްސަލައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ހައްލުކުރެވޭނެ ކަމެއްކަމަށް ބުނެއެވެ.