ޚަބަރު

ކޯވިޑް19: "މިހާރު މިއޮތީ ފުރަބަންދު ނިމުމަކަށް ގެނެވޭނެފަދަ ހާލަތެއް ނޫން"


ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން މިހާރު މިއޮތީ ފުރަބަންދު ނިމުމަކަށް ގެނެވޭނެފަދަ ހާލަތެއް ނޫންކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ފުރަބަންދަށް މިވީ 10 ވަރަކަށް ދުވަހުގެތެރޭގައި މިބައްޔާއި ގުޅޭ މުހިންމު ކަންތައްތަކެއް ދެނެގަނެވި ބަލިފެތުރޭ ސަރަހައްދު އެނގެންފަށާފައިވާކަމަށެވެ. އެގޮތުން ކްލަސްޓަރތައް ފާހަގަވަމުންދާއިރު، އޭގެ ސަބަބުން ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސޭހަވެގެންދާކެމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އަދި ވަކި އެއްޗެއް ހާމަކުރަން ބޭނުނުވާކަމަށާއި، ކުރިއަށްއޮތް 4 ވަރަކަށް ދުވަހުގެ ތެރޭގައި ފުރަބަންދު ވީއްލުމަކަށް ގެނެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

"މިވަގުތުގެ ހާލަތު މިއޮތީކީ އަޅުގަނޑުމެންގެ ލޮކްޑައުންގެ ހާލަތު އާންމު ހާލަތަކަށް ބަދަލުކުރެވޭ ހާލަތަކު ނޫން. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކުރިއަށްއޮތް ހަތަރު ދުވަހުގެތެރޭގައި ލޮކްޑައުން ވީއްލަންޖެހޭ ހާލަތަކަށް އަޅުގަނޑުމެން އައިސް، އާންމު ހާލަތަކަށް ކަންކަން ބަދަލުވެދާނެކަމަށް" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އާންމު ހާލަތަކަށްދާން އަދި ވަގުތު ނަގާނެކަމަށާއި މި ބައްޔަށް ފަރުވާއެއް ހޯދިފައި ނުވާއިރު މިބަލިމަޑުކަމުގެ ތެރޭގައި އިތުރު ދުވަސްތަކެއްވަންދެން ހޭދަކުރަންޖެހޭކަމަށް ރައްޔިތުން ގަބޫލުކުރަންވާނެކަމަށެވެ. އަދި ކުރިއަށްވެސް ދަތި ދުވަސްތަކެއް އޮތްކަން ގަބޫލުކޮށްގެން ބައްޔަށް ޕޮޒިޓިވްވާ މީހުންނަކީ ބިރުވެރިބައެއްގެ ގޮތުގައި ނުދެނި އަޅާލުމާއި އޯގާތެރިކަން އިސްކުރަންޖެހޭކަމަށެވެ.

"ލޮކްޑައުންގައި އަޅުގަނޑުމެންގެ ރާއްޖެ އަދި މިހޭދަކުރީ 10 ދުވަސް. ބައެއް ޤައުމުތަކުގައި 21 ދުވަސް، އަދި ބައެއް ޤައުމުތަކުގައި 72 ދުވަސް އަދި އަނެއްބައި ޤައުމުތަކުގައި 3 މަސްދުވަސް. އެހެންވީމަ މި 10 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކެތްތެރިކަމުގެ އިންތިހާއަށް ދެވެންވާނެ. އިހުސާންތެރިކަމުގެ އެންމެކޮޅަށް ދެވެންވާނެ، މި 10 ދުވަހު އިރުޝާދުތަކަށް އަމަލުކުރުމުގެ އެންމެ މަތީ ދަރަޖަ އަޅުގަނޑުމެންނަށް ފެންނަންވާނެ. އޭރުން ކުރިއަށް ހުރި ދުވަސްތަކުގައި އަޅުގަނޑުމެންނަށް ފަސޭހަވާނީ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ސިއްޙީ އިރުޝާދުތަކަށް ތަބާވެ އަންގާ އެންގުތައްކަށް ތަބާވެގެން ފުރަބަންދުގެ މި މުއްދަތުގެ ތެރޭގައި 75 އިންސައްތައާ ހަމައަށް އަމަލުތަށް ހިފެހެއްޓިއްޖެނަމަ މި ބަލިމަޑުކަމުން އަރައިގަތުމަށް އޮތް އުންމީދު ގެންލިގެންނުދާނެކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަމީހުން ދިއުރުޅޭ މާލެ ސިޓީން މި މަހުގެ 15 ވަނަ ދުވަހު ކޯވިޑް-19 ފެނުމާއި ގުޅިގެން އެދުވަހުން ފެށިގެން މާލެވަނީ ފުރަބަންދުގެ ހާލަތައް ގެނެސްފައެވެ.