ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އެތައްހާސް ކުޑަކުދިންވަނީ ގޭގައި ބަންދުވެފައެވެ. އެކުދިންގެ ޢާންމު ދިރިއުޅުމަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން އެކުދިންދަނީ އައު އިޙްސާސްތަކަކާ ކުރިމަތިލަމުންނެވެ. އެއުނދަގޫ ޙާލަތުގައި ގިނަ ޢަދަދެއްގެ ކުދިން އެކުދިންގެ އިޙްސާސްތައް ބުނެދެމުންދަނީ ކުރެހުމުގެ ޒަރީޢާއިންނެވެ. ފާހަގަވާ އެއްކަމަކީ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ، އެކި ޤައުމުތަކުގައި ދިރިއުޅޭ ކުދިންވެސް އެދެމުންދަނީ ހަމަ އެއްގޮތް ކަންކަމަށެވެ.
ޓޮކްޔޯއިން ފެށިގެން ބުއެނޮސް އައިރެސަށް، ކަތަމަންޑޫން ނިއު ޔޯކު ސިޓީގައި ދިރިއުޅޭ ކުދިންވަނީ ކުރެހުންތައް ދައްކާލާފައެވެ. އެކުދިންގެ ހިތުގެ އެންމެ ފުންމިނުން ކުރަހާފައިވާ ކުރެހުންތަކުން އެކުދިން އެންމެ އެދޭ ކަންތައްތައް ދައްކައިދެއެވެ.
ޖަޕާނުގެ ޓޯކިޔޯގައި ދިރިއުޅޭ 8 އަހަރުގެ ރެކޫ މަޓްސާއީގެ ކުރެހުމުން ފެންނަނީ އޭނާއާއި އޭނާގެ މާމައާއި ކާފައާއެކުގައި ތިބި މަންޒަރެވެ. ކުރެހުމުގައި ހުރިހާ އެންމެންވެސް ތިބީ ހިނިތުންވެފާވެފައެވެ. "އަހަރެންގެ މާމައާއި ކާފަމަތިން ވަރަށް ހަނދާންވޭ. އެންމެ ދާހިތްވަނީ މާމަ ގެއަށް،" ރެކޫ ކިޔައިދިނެވެ.
ރެކޫގެ ދައްތަ، 12 އަހަރުގެ ޔާޔާގެ ކުރެހުމުން ފެންނަނީ ޔާޔާއާއި އޭނާގެ ރަހުމަތްތެރިއެކެވެ. "އެންމެ ބޮޑަށް ބޭނުމީ ރައްޓެހި ކުދިންނާއެކު ވަގުތު ހޭދަކޮށްލާ މަޖާކޮށްލަން." ޔާޔާ ބުންޏެވެ.
ޖަރުމަނުވިލާތުގެ ބަދް ހަނެފްގައި ދިރިއުޅޭ 6 އަހަރުުގެ ޓޮމްވެސް ކުރެހީ އޭނާގެ ކާފައާއި މާމައެވެ. ޓޮމް ބުނީ އޭނާގެ ކުރެހުމުގައި މާމައާއި ކާފަ ކުރެހީ އެދެމީހުން މަތިން ހަނދާންވާލެއް ބޮޑުކަމުންކަމަށެވެ.
ގޭގައި މަޑުކުރަން ޖެހުމުން ކުދިން ހަނދާންވަނީ ހަމައެކަނި ތިމާގެ މީހުންނާއި ރައްޓެހިންގެ މަތިންނެއް ނޫނެވެ. ބައެއް ކުދިން ކުރެހީ އެކުދިން އެންމެ ކުޅޭ ހިތްވާ ކުޅިވަރެވެ.
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ދިރިއުޅޭ 8 އަހަރުގެ އައިވަން ޕޮސްޓާއާއި އޭނާގެ 11 އަހަރުގެ ބޭބެ ވިންސް ކުރެހީ ބޮޑެތި ފުޓުބޯޅަތަކެކެވެ. "އަހަރެން ފުޓުބޯޅައެއް ކުރެހީ ގޭގެ ބަގީޗާގައި ބޯޅަ ނުކުޅެވޭތީ. މުޅި ތަނުގައި އޮންނަނީ ގަސް،'' ވިންސް ބުންޏެވެ.
ހަނގޭރީއާ އެތައްހާސް މޭލެއް ދުރުގައި އޮންނަ ނައިޖީރިޔާގެ ލާގޮސްގައި ދިރިއުޅޭ 11 އަހަރުގެ އޮލަޓުނީ އަދެބަޔޯވެސް ކުރެހީ ބޮޑު ފުޓުބޯޅައެކެވެ. "މިރަށް ފުރަބަންދުުކުރުމުގެ ކުރިން އަހަންނާއި އަހަރެންގެ އެކުވެރިން އަބަދުވެސް ފުޓުބޯޅަ ކުޅެން. މިހާރު ރައްޓެހިންނާއެކު ބޯޅަ ކުޅެލާކަށް ނުދެވޭ. ގޭގައި ބަންދުވާން ޖެހުނީމަ އަހަރެން މިހުރީ ވަރަށް ދެރަވެފައި،" އޭނާ ބުންޏެވެ.
ގަސްގަހާގެއްސާއި މާމެލާމެއްޔާއި ގުދުރަތީ ރީތި މަންޒަރުތައް ކުރެހި ކުދިންގެ ޢަދަދުވެސް މަދެއްނޫނެވެ. ނިއު ޔޯކް ސިޓީގެ ބުރުކްލިންގައި ދިރިއުޅޭ ޖޭން ހެސްބްރޮކްގެ ކުރެހުމުން ފެންނަނީ ރީތި ޕާކެކެވެ. ޖޭން ބުނީ އޭނާ ކުރެހީ އޭނާ ދިިރިއުޅޭ އަވަށުގައި ހުންނަ ޕާކުކަމަށެވެ. "އަހަންނާއި އަހަރެންގެ ރައްޓެހިން ސުކޫލުގައި ނޫޅޭ ވަގުތުތަކުގައި އެކުގައި ކުޅެ މަޖާކޮށްހަދަނީ އެޕާކުގައި. ގޭގައި ބަންދުވެފައި ހުުންނަން ޖެހުމުގެ ސަބަބުން އަހަންނަށް ހީވަނީ ޖަލެއްގައި ހުރެވޭހެން. ނިއު ޔޯކުގައި އެކަހެރިވުމަކީ ވަރަށް އުނދަގޫ ކަމެއް. ކޮންމެ މީހެއް ވަށައިގެންވެސް އެތައް ބައިވަރު މީހުން އުޅޭނެ،" 13 އަހަރުގެ ޖޭން ބުުންޏެވެ.
14 އަހަރުގެ ސަންދެތީ އިލެޕެރުމާ ދިރިއުޅެނީ ސްރީ ލަންކާގެ ކޮލޮންބޯގައެވެ. އޭނާގެ ކުރެހުމުން ފެންނަނީ މާސްކެއް އަޅައިގެން ބިން މަތީގައި އިށީނގެދެން އިންނަ ކުއްޖެކެވެ. އެކުއްޖާގެ ކަކުލާ މޫނާ ކައިރިކޮށްލައިގެން އިންނަގޮތުން އެކުއްޖާއަށް އިޙްސާސްކުރެވޭ މާޔޫސްކަން ފެނެއެވެ. އެކުއްޖާގެ މަތިން ފެންނަނީ ނަށާ މަޖާކުރަން ތިބި ކުުދިންތަކެކެވެ.
"ރަށް ބަންދުކުރުމުގެ ކުރިން އަހަރެންކުރަހަނީ ވަރަށް މަޖާ އަދި އުފެއްދުންތެރި ކުރެހުންތައް. އެކަމަކު ފުރަބަންދުކުރި ފަހުން ކުރެހެނީ އަހަރެންގެ ހިތްއެދޭ ކަންކަން. އަހަރެންގެ އިޙްސާސްތައް. އަހަރެންގެ މައިންބަފައިންގެ ހުންނަނީ އަހަރެން އެކަނި. އަހަންނަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިޙްސާސްކުރެވޭ،" ސަންދިތީ ކިޔައިދިނެވެ.
ބައެއް ކުދިން އެކި ސިފަސިފައިގައި ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް ކުރަހާފައި ހުއްޓެވެ. ތައިލެންޑުގެ ސަމުތު ޕުރަކާން ޕްރޮވިންސުގައި ދިރިއުޅޭ 10 އަހަރުގެ ނިޕޫން ކިކްރައިލާޑްގެ ކުރެހުމުހައި ކޮރޯނާވައިރަސް ކުރަހާފައިވަނީ ދުނިޔެ ހަލާކުކޮށްލަން އަންނަ އިފުރީތެއްގެ ސިފައިގައެވެ. އެއިފުރީތާ ހަނގުރާމަ ކުރަން ތިބެނީ ޞިއްޙީ މަސައްކަތްތެރިންނާއި މާސްކާއި ސެނިޓައިޒަރފަދަ ރައްކާތެރިކަމުގެ ސާމާނެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާއަށް ނިސްބަތްވާ 11 އަހަރުގެ ލީ ކޮންޗެންގެ ކުރެހުމުގައި ފެންނަނީ ބަލިޖައްސާ ކޮރޯނާވައިރަސް ވާލެއްގެ ސިފައަށް ހުންނަ އުދުހޭ ބޯޓެއްގައި އަންނަ ތަނެވެ. ދެން ފެންނަނީ އެވައިރަހާ ހަނގުރާމަކުރަން ފުރާނަ ދުއްވާލަން ތައްޔާރަށްތިބި އިންސާނުންތަކެކެވެ. އެންމެ ފަހުން ފެންނަނީ ވެކްސިން ބަޑިިތަކެއް ބޭނުންކޮށްގެން އިންސާނުން ވައިރަހުގެ މައްޗަށް ކާމިޔާބު ހޯދާތަނެވެ.