ޚަބަރު

ޓްރަންޕުގެ ނަސޭހަތް ޤަބޫލުނުކުރާތި، ލަށްފިލުވާ ނުބޯތި!


ކޯވިޑް-19ގެ ފަރުވާއަކަށް ޖަރާސީމު ފިލުވަން ބޭނުންކުރާފަދަ މާއްދާތައް ހަށިގަނޑުގެ ތެރެއަށް ފޮނުވޭނެ ގޮތެއް ތަހުލީލުކުރަން ސައިންސުވެރިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ގޮވާލައްވައިފިއެވެ. ނަމަވެސް ސައިންސުވެރިންނާއި ޑޮކްޓަރުން ބުނަނީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ.

ކޮންމެ ދުވަހަކުވެސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަންޕު ވިދާޅުވީ ޖަރާސީމު ނައްތާލަން ބޭނުންކުރާ ކެމިކަލް ނޫނީ ބާރުގަދަ އަލި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ހަށިގަނޑަށް ފަރުވާލެއްގެ ގޮތުގައި އެތެރެކުރެވޭނެ ގޮތެއް ސައިންސުވެރިން ހޯދަންވެއްޖެކަމަށެވެ. އަދި އިންޖެކްޝަނެއްފަދަ އާލާތެއް ބޭނުންކޮށްގެން އެގޮތަށް ހަށިގަނޑު ސާފުކުރެވޭތޯ އަޖުމަބަލާލުމަކީ ޝައުގުވެރިކަމަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޓްރަންޕުގެ އެހުށަހެޅުމަށް ސައިންސުވެރިންނާއި ޑޮކްޓަރުންގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

"އެއީ ކޯވިޑް-19ގެ ފަރުވާއަކަށް ކުރެވިދާނެ ކަމެއްގެގޮތުގައި މިހާތަނަށް ހުށަހެޅުނު އެންމެ މޮޔަ އަދި އެންމެ ނުރައްކާތެރި ޚިޔާލު،" އިނގިރޭސިވިލާތުގެ އީސްޓް އެންގްލިޔާ ޔުނިވާސިޓީގައި މަސައްކަތްކުރައްވާ ޞިއްޙީ މާހިރެއްކަމުގައިވާ ޕޯލް ހަންޓަރ ވިދާޅުވިއެވެ. ޓްރަންޕު ދެއްވި ޚިޔާލަކީ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއްގެގޮތުގައި ސިފަކުރައްވާ އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ޞަރަޙައްދުތަކުގައި އެގޮތަށް ދެވޭ ޚިޔާލުތައް ޤަބޫލުކޮށް އެއާއެއްގޮތަށް ޢަމަލުކުރަން މަސައްކަތްކުރާނެ މީހުން ތިބޭނެކަމަށެވެ.

ހުދު އަލި ނުވަތަ އަލްޓްރާ ވަޔޮލެޓް (ޔޫވީ) އައްޔަކީ ވައިގެ ތެރޭގައި ހުންނަ ޖަރާސީމު މަރާލާ އެއްޗެކެވެ. ނަމަވެސް އިންސާނެއްގެ ހަށިގަނޑުގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ ސެލްތަކަށް ފަރުވާ ދިނުމަށް ޔޫވީ ލައިޓު ހަށިގަނޑަށް އެތެރެކުރެވޭނެގޮތެއް ނޯންނާނެކަމަށް ސައިންސުވެރިން ބުނެއެވެ.

"ކިތަންމެ ގިނަ އިރަކު އަވީގައި އިނަސް، ގަޔަށް ހޫނުކުރިއަސް އިންސާނެއްގެ އެތެރެހަށީގެ ގުނަވަނެއްގައި ގިނަވަމުންދާ ވައިރަހެއް މަރެއްނުވާނެ،'' އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖުގެ ޕްރޮފެސަރެއްކަމަށްވާ ޕެނީ ވޯޑު ވިދާޅުވިއެވެ. "އިންސާނަކު ލަށްފިލުވާ ބޮއެފިއްޔާ މަރުވާނެ. އަދި އިންޖެކްޝަނެއް ބޭނުންކޮށްގެން ލޭގެ ތެރެއަށް ލަށްފިލުވާ ފޮނުވައިފިނަމަ މަރުވާލެއް އިތުރަށް އަވަސްވާނެ. އެފަދަ އެއްވެސް ކަމެއް ނުކުރާތި.'' ޕެނީ ވޯޑު ނަސޭހަތްތެރިވިއެވެ.

ފާހާނާއާއި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ޑެޓޮލާއި ލައިސޮލް މަރުކާގެ އުފެއްދުންތައް އުފައްދާ ރެކިޓް ބެންކީޒާ ކުންފުނިން ނެރުނު ބަޔާނެއްގައިވަނީ ގޭތެރެ ސާފުކުރަން ބޭނުންކުރާ ކެމިކަލް ނުބުއިމަށާއި އިންޖެކްޝަނުގެ ޒަރީއާއިން ހަށިގަނޑަށް އެތެރެނުކުރުމަށް ގޮވާލައިފައެވެ.

ރީޑިންގް ޔުނިވާސިޓީގެ ޑިރެކްޓަރެއްކަމަށްވާ ޕެރެސްތޫ ދޮންޔާ ވިދާޅުވީ ރައީސް ޓްރަމްޕް ވިދާޅުވި ވާހަަކަތަކަކީ އޭގައި އެއްވެސް ޢިލްމީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ. އަދި ކޮރޯނާވައިރަހާއި ކޯވިޑް-19އާމެދު ބިރުގަނެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާނަމަ އެންމެ ރަނގަޅުވާނީ ކަންކުރަންވީ ގޮތާމެދު ޑޮކްޓަރެއްގެ ލަފާ ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީހަކު ބުނާހާ އެއްޗެއް ޤަބޫލުކޮށް އެއަށް އަމަލުނުކުރުމަށްވެސް އޭނާ ނަސޭހަތްތެރިވިއެވެ.

އެމެރިކާގެ ކުރީގެ މަސައްކަތްތެރިކަަމާބެހޭ ވަޒީރު އަދި އިޖުތިމާޢީ ސިޔާސަތުތަކާބެހޭ މާހިރެއްކަމަށްވާ ރޮބަޓް ރީޝް ވިދާޅުވީ ޓްރަންޕު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ސަބަބުން ޢާންމުންގެ ޞިއްޙަތައް ނުރައްކާވަމުންދާކަމަށެވެ. ޕްރޮފެސަރު ދޮންޔާވެސް ވިދާޅުވީ ޓްރަންޕު މީގެ ކުރިން ވިދާޅުވެފައިވާ ބައެއް ވާހަކަތަކުގެ ސަބަބުން ބައެއް މީހުން ޑޮކްޓަރުންގެ ލަފަޔާނުލާ ބޭސް ބޭނުންކޮށް، ހަށިގަނޑަށް ގެއްލުން ލިބިފައިވާކަަށެވެ.