ޚަބަރު

ޞިއްޙީ ސާމާނު ބޭރުކުރުމުގައި 80 ޤަައުމަކުންވަނީ ފިޔަވަޅުތަކެއް އަޅައިފަ


ދުނިޔޭގެ 80 ޤައުމަކުން މާސްކާއި އަނގިއާއި ޞިއްޙީ ރައްކާތެރިކަމަށް ބޭނުންކުރާ އެހެނިހެން ސާމާނާއި ހެދުން ބޭރުކުރުން މަނާކޮށް، ބޭރުކުރާ މިންވަރު މަދުކޮށްފައިވާކަމަށް ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމްޢިއްޔާ، ޑަބްލިއުޓީއޯއިން ބުނެފިއެވެ.

ޑަބްލިއުޓީއޯއިން ބުނީ އެޖަމްޢިއްޔާއަށް ނިސްބަތްވާ 72 ޤައުމަކާއި އިތުރު 8 ޤައުމަކުން ޞިއްޙީ ސާމާނު ބޭރުކުރުން މަނާކޮށްފައިވާކަމަށެވެ. ނަމަވެސް ޤަވާއިދާ އެއްގޮތަށް އެކަން އަންގާފައިވަނީ އެންމެ 13 ޤައުމުންކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މުދާ ބޭރުކުރުމުގެ އުޞޫލުތަކަށް ގެންނަ ބަދަލުތަކާގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރުމުގައި ޤައުމުތަކުން އެއްބާރުލުން ނުދީ އެކުގައި މަސައްކަތްނުކުރާނަމަ ދުނިޔޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމަށް އެޖަމްޢިއްޔާއިންވަނީ ބުނެފައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުގައި ޤައުމުތަކަށް ބޭނުންވާ މިންވަރަށް ސާމާނު ބެހެއްޓުމަށްފަހު މުދާ ބޭރުކުރާ މިންވަރު މަދުކުރުމަކީ ޤަބޫލުރެވޭކަމެއްކަމަށާއި ޤައުމުތަކުން އެކުގައި މަސައްކަތްނުކޮށްފިނަމަ އެތެރޭކުރާ މުދަލަށް ބަރޯސާވާ ޤައުމުތަކަށް ސާމާނު ހޯދުމުގައި ބޮޑެތި އުނގަދޫތަކަކާ ކުރިމަތިލާންޖެހޭނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ 20 ޤައުމުގެ ވެރިންވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ކުއްލި ފިޔަވަޅުތަކަކީ ވަކި މަޤްޞަދެއް ހާޞިލްކުރުމަށް އަޅާ ފިޔަވަޅުތަކަކަށް ވާންޖެހޭނެކަމަށާއި ޤައުމުތަކުން ޢަމަލުކުރަންވާނީ ދެފުށްފެންނަ ގޮތަށްކަމަށް ބުނެފައެވެ. އަދި އެފިޔަވަޅުތަކަކީ ދާޢިމީ ފިޔަވަޅުތަކަކަށް ވެގެންނުވާނެކަމަށްވަނީ ބުނެފައެވެ. ނަމަވެސް އޭގެ ފަހުންވެސް މުދާ ބޭރުކުރުމުގައި ގިނަ ފިޔަވަޅުތަކެއް ބައެއް ޤައުމުތަކުންވަނީ އަޅާފައެވެ.

ކޯވިޑް-19ގެ އަސަރުވަނީ ދުނިޔޭގެ 210 ޤައުމަކާއި ސަރަޙައްދަކުން 2.7 މިލިއަން މީހުންނަށް ކޮށްފައެވެ. އަދި އެބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 190،000އަށް އިތުރުވެފައެވެ.