ޚަބަރު

ކޯވިޑް-19 ޖެހިގެން އެމެރިކާގައި ދުވާލަކު 2،000 މީހުން މަރުވޭ


ކޯވިޑް-19 ޖެހިގެން އެމެރިކާގައި މިމަހުގެ ތެރޭގައި ކޮންމެ ދުވަހަކު 30،000 މީހުން ފެންނަކަމަށާއި ދުވާލެއްގެ މައްޗަށް 2،000 މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެނީ އެމެރިކާގައި 889,391 މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކޯވިޑް-19އަށް ތަހުލީލުކުރުމުގެ ޤާބިލްކަން އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާކަމަށް އެމެރިކާގެ ބައެއް ސްޓޭޓުތަކުން ބުނެއެވެ. އަދި ތަހުލީލުކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ހުރިކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރުމުގައި ޙަރަކާތްތެރިވާނެ މަސައްކަތްތެރިންވެސް ބޭނުންވާ ޢަދަދަށް ނުލިބޭކަމަށް ބައެއް ސްޓޭޓުތަކުން ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ ބާރުގަދަ އިޤްތިޞާދަށްދަނީ ބޮޑެތި ގެއްލުންތަކެއްވަމުންނެވެ. ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންގެ ނިސްބަތްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަދި އާންމުދަނީ ލިބުން ހުއްޓުމުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަމަށް އެދޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. ފާއިތުވީ 5 ހަފުތާގެ ތެރޭގައި 26.5 މިލިއަނަށްވުރެ ގިނަ މީހުންވަނީ ވަޒީފާ ގެއްލުމުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ކޯވިޑް-19ގެ ސަބަބުން ގެއްލުންވަމުންދާ ކުދި ވިޔަފާރިތަކާއި ހަސްފަތާލުތަކަށް އެހީތެރިވުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންވަނީ 484 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކުރުމަށް ފާސްކޮށްފައެވެ.