ކޯވިޑް-19 ފެތުރޭތީ މިމަހު ކުރީކޮޅު ފުރަބަންދުކުރި ދުބާއީގެ ކެފޭތަކާއި ރެސްޓޯރަންޓުތައް އަލުން ހުޅުވުމުގެ ޙުއްދަ ދީފިއެވެ.
ދުބާއީގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ނޫން އެހެން ޚިދުމަތްދޭ ވިޔަފާރިތަކާއި ސިނަމާތަކާއި މިސްކިތްތަކާއި ޖިމްތައްވަނީ މާރިޗު މަހުގެ ފަހުކޮޅުން ފެށިގެން ބަންދުކޮށްފައެވެ. އަދި އެސިޓީގައިވަނީ 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކޮށްފައެވެ. ނަމަވެސް ކެފޭތަކާއި ރެސްޓޯރަންޓުތަކުގެ އިތުރުން ވިޔަފާރިކުރާ މަރުކަޒުތައް އަލުން ހުޅުވުމުގެ ޙުއްދަ މިހާރުވަނީ ދީފައެވެ. ނަމަވެސް އެތަންތަނަށް އެއްފަހަރާ ވަދެވޭނީ އެތަނެއްގެ ޖާގައިގެ 30 އިންސައްތަ ފުރޭހާ މީހުންނަށެވެ.
ރެސްޓޯރަންޓުތަކުގައި ހުންނަ މޭޒުތަކުގެ ދެމެދުގައި 6 ފޫޓުގެ ދުރުމިނެއް ހުންނަން ޖެހޭނެކަމަށާއި ވިޔަފާރި މަރުކަޒުތަކަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަނުގައި މަޑުކުރެވޭނީ ގިނަވެގެން 3 ގަޑިއިރުކަމަށް ކަމާބެހޭ އިދާރާތަކުންވަނީ ނިންމާފައެވެ. އެތަންތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ އިތުރުން ވިޔަފާރިކުރަންދާ މީހުންނަށްވެސް މާސްކު އެޅުން މަޖުބޫރުވާނެއެވެ. އަދި ކުޑަކުދިންނަށް އެތަންތަނަށް ދިޔުންވަނީ މަނާކޮށްފައެވެ. ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވިނަމަވެސް މިސްކިތްތަކާއި ޖިމްތަކާއި ސިނަމާތަކާއި އެހެނިހެން އާންމު ޚިދުމަތްތައްދޭ ތަންތަން ހުޅުވުމުގެ ޙުއްދަ ދީފައެއް ނުވެއެވެ،
ދުބާއީގައި ޢާންމު ދަތުރުފަތުރުގެ ޙިދުމަތްވެސް މިމަހުގެ 26ވަނަ ދުވަހުން ފެށިގެން އަލުން ފެށުމަށްވަނީ ހަމަޖެހިފައެވެ. ކޯވިޑް-19ގެ ޖެހިފައިވާ 8،750އަށްވުރެ ގިނަ މީހުން ޔޫއޭއީންވަނީ ފެނިފައެވެ. އަދި ބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 56ކަށް އިތުރުވެފައެވެ.