އެތުލެޓިކްސް

ސާއިދުގެ ރަންމެޑަލް- ސްޕޯރޓްސްމަނުންނަށް ލިބިގެންދިޔަ ހިތްވަރެއް


ދިވެހި އެތްލީޓަކު ފުރަތަމަ ފަހަރަށް ރަންމެޑަލް ހޯދުން ވެގެންދިޔައީ މުޅި
ކުޅިވަރުގެ އާއިލާއަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމަކަށެވެ. މުޅި ދިވެހިންނަށް
ލިބިގެންދިޔަ ހިނިތުންވުމަކަށެވެ. ގަދަ ހިތްވަރާއި ބޮޑު ޤުރުބާނީއަކުން ހާޞިލްކުރި
މިކާމިޔާބީގެ އަގު ދިވެހިން ވަޒަންކުރާކަން ހަމައެކަނި ސޯޝަލް މީޑިއާގެ
ވަޞީލަތްތަކަސް ބަލާލުމުންވެސް ހާމަވެއެވެ.



ނަމަވެސް މިއީ ކުރިން ގިނަބަޔަކު ޤަބޫލުކުރި އަދި އުއްމީދުކުރިކަމެއްނޫނެވެ.
ސާއިދު ރާއްޖެއިން ބޭރަށް ތަމްރީން ހޯދަން ފޮނުވައި، ފުރުޞަތު
ތަނަވަސްކޮށްދެއްވުމުގައި އެންމެ ބޮޑު ޙިއްޞާއެއްވި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް
ސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވީ މީގެ ހަތަރު އަހަރުކުރިން އެއީ މީހުން
ޤަބޫލުކުރި ވާހަކައެއްނޫންކަމަށެވެ.



" އޭރުގައި ވަރަށްގިނަ މީހުން ޤަބޫލުނުކުރި މީ ކުރެވިދާނެކަމެއްކަމަށް.
ގިނަ މީހުން ބުނަމުންދިޔައީ ގޮސްސަ ބޭރުގައި ނުހުންނާނޭ، ޕޭރެންޓުންމަތިން
ހަނދާންވާނޭ، އަނބުރާ އަންނާނޭ. އެކަމަކު ސާއިދުގެ ކޮމިޓްމަންޓް ފެނިގެން
މިދިޔައީ. ހުރިހާ ޔޫތުންނަށް ދިން މެސެޖެއްމިއީ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި
ދިވެހިރާއްޖޭގައި ޓެލެންޓް އެބައޮތް. ޖެހެނީ އެމީހުންނަށް އެފުރުޞަތު ހޯދައިދޭން.
ފުރުޞަތު ހޯދަ ނުދެވިގެން މިހިސާބަށް ނުދެވުނީ. ފުރުޞަތު ހޯދަދެވުނީ ދެތިން
އެތްލީޓަކަށް. އޭގެތެރެއިން އެކަކު އެގެނައީ ގޯލްޑް މެޑަލް. " ލޮލުން
އަންނަމުންދިޔަ އުފާވެރިކަމުގެ ކަރުނައިގެ ސަބަބުން ވާހަކަދައްކަންވެސް
އުނދަގޫވެފައި ހުރި މަރުޒޫޤް ވިދާޅުވިއެވެ.



ސާއިދުގެ ކަރުގައި މެޑަލް އަޅުވައިގެން، ޤައުމީ ދިދަ ހިފައިގެން ހުރިއިރު،
ކައިރީގައި ހުރެ މަރުޒޫޤް ވިދާޅުވީ މިއަދު ޚާއްޞަވަނީ ހަމައެކަނި ސާއިދުގެ މެޑަލް
ނޫންކަމަށެވެ. އަދި ފާހަގަކުރަންޖެހެނީވެސް ހަމައެކަނި މެޑަލް ނޫންކަމަށެވެ.



" މެޑަލްގެ އިތުރަށް ވަރަށްބޮޑު އެއްޗެއް ސާއިދު އެ ސާބިތުކޮށްދިނީ.
ރާއްޖޭން ބޭރުގައި ހުރެގެން ޤުރުބާނީތަކެއް ވީމަ ކާމިޔާބު ލިބޭނެކަން. "
އިތުރު އެތްލީޓުންނަށްވެސް ފުރުޞަތު ހޯދައިދޭން ތައްޔާރުވަމުންދާ މަރުޒޫޤް
ވިދާޅުވިއެވެ.



މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދު ސިފަކުރެއްވި
ގޮތުގައި މިއީ އަޅުގަނޑުމެން ސްޕޯރޓްސްމަނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު
ހިތްވަރެކެވެ.



" ވަރަށް އެކްސައިޓިންގ އަދި އިމޯޝަނަލް މޫވްމަންޓެއް ފެނިގެން
އެދިޔައީ. މިއީ އަޅުގަނޑުމެންގެ ސްޕޯރޓްސްމަނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު
ހިތްވަރެކޭ. ސާއިދު ދައްކައިދިން އެއްޗަކީ ރާއްޖެއިން ބޭރުގައި ހެދި ޓްރެއިނިންގެ
ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފިކަމުގެ ޔަޤީންކަން. އަދި އަޅުގަނޑުމެންގެ
އެތްލީޓުން ބޭރުގައި ގޮސް މަސައްކަތްކުރުމުގެ ހިތްވަރު ލިބިގެންދިޔަ ހަޤީޤަތުގައި.
މިނިވަން ފަންސާހާއި ދިމާކޮށް މިކަން ވީތީ އުފާކުރަން. " އެފްއޭއެމްގެ
ރައީސްކަމުގެ މަޤާމްގައިވެސް މިވަގުތު ހުންނެވި ޝަވީދު ވިދާޅުވިއެވެ.



ހަޤީޤަތުގައިވެސް މިއީ ދިވެހި އެތްލީޓުންގެ ކާމިޔާބީގެ މުޅިންއާ ފެށުމެކެވެ.
ސާއިދުގެ ކިބައިން ހިތްވަރު ލިބިގެން ރާއްޖެއިން ބޭރުން ފުރުޞަތު ހޯދާ، އަދި ލިބޭ
ފުރުޞަތުގެ ބޭނުން ހިފައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އާ ހިތްވަރަކާއެކު
އަޒުމް ކަނޑައަޅަންވީ ވަގުތެވެ.



ސާއިދުގެ ރާއްޖެއިން ބޭރުގެ ތަމްރީން ދަތުރުތައް ފެށިއިރު އޮލިމްޕިކް
ކޮމިޓީގެ ރައީސްއަކަށް ހުންނެވި އިބްރާހީމް އިސްމާއީލް ވިދާޅުވީ މިދުވަހަށް
އިންތިޒާރު ކުރާތާ ދުވަސްތަކެއްވެއްޖެކަމަށެވެ. އަދި ސާއިދުގެ ރާއްޖެއިން ބޭރުގެ
ތަމްރީންތަކަކީ ރަންމެޑައްޔަށް އަމާޒުކޮށްގެން ފެށި ފެށުމެއްކަމަށެވެ.



" ކުޅިވަރުގެ ތާރީޚްގައި އަޅުގަނޑު ހަމަ އެންމެ އުފާވި އެއް ދުވަހަކީ
މިއީއޭ ދަންނަވާނީ. އޭގެ އިތުރަށް ރާއްޖޭގައި ކުޅިވަރެއްގައި ފުރަތަމަ ފަހަރަށް
ރަންމެޑެއްޔަށް ހޯދި އަދި މިކަހަލަ ގޭމްސްއެއްގައި ރަންމެޑެއްޔެއް ހޯދި ހޯދުން
އެއީ ވަރަށް ބޮޑަށް ފާހަގަކުރާކަމެއް. "މަރުޒޫގާއެކު ސާއިދު ތަމްރީން
ހޯދުމަށް ފޮނުވުމުގައި މަސައްކަތްކުރެއްވި އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.
ވާހަކަ ދައްކަވަމުންދިޔައިރު އިބްރާހީމް އިސްމައީލްގެ ލޮލުންވެސް ދިޔައީ
އުފާވެރިކަމުގެ ކަރުނަ އަންނަމުންނެވެ.



ދިވެހިރާއްޖޭގެ ނައިބުރައީސް ވިދާޅުވި ފަދައިން ހަޤީޤަތުގައިވެސް ސާއިދުއަކީ
ޤައުމީ ބަޠަލެކެވެ. ކުޅިވަރުގެ ބަޠަލެކެވެ. ސާއިދުގެ ކިބައިން ހިތްވަރު ހޯދައި
އިތުރު ބަޠަލުންތަކެއް ނިކުންނަންވީ ވަގުތަކީ މިއީއެވެ. މިނިވަން ފަންސާހުގެ މި
އުފާވެރި ވަގުތެވެ.