ފުޓުބޯޅަ

ޤައުމީ ކޯޗަށް ފެނުނު ޤައުމީ ޓީމްގެ އެންމެ މޮޅު މެޗު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިރޭ ޝީޝެލްސްއަތުން މޮޅުވި މެޗަކީ
ދިވެހި ޤައުމީ ޓީމް ކުޅުނު އެންމެ މޮޅު މެޗުކަމަށް ޤައުމީ ކޯޗު ވެލިޒަރ ޕޮޕޯވް
ބުނެފިއެވެ. މެޗަށްފަހު ޕޮޕޯވް ބުނީ އޭނާ ނިއުރޭޑިއަންޓްގައި ހޭދަކުރި
ދުވަސްތަކުން ފެށިގެންވެސް މިހާތަނަށް ޤައުމީ ޓީމް ކުޅުނު އެންމެ މޮޅު މެޗަކީ މިއީ
ކަމަށެވެ. މެޗުގައި އޭނާ ބޭނުންވި ގޮތަށް ކުޅުންތެރިން ކުޅުނުކަމަށް ކޯޗު
ބުންޏެވެ.

" އަހަރެން ކުޅުވަން ބޭނުންވާ ގޮތަށް ކުޅުންތެރިން ކުޅުނު. ހުރިހާ
ކުޅުންތެރިންވެސް ވަރަށް މަސައްކަތްކުރި. ހުރިހާ ކުޅުންތެރިންނަށް މަރުހަބާ
ކިޔަން. މިއީ އެކުޅުންތެރިންގެ މަސައްކަތް. ޢާއްމުކޮށް ކުޅޭ ހަ ކުޅުންތެރިންނާ
ނުލައި އަހަރެމެން މިކުޅެނީ. މިއީ މުޅިން އާ ޓީމެއް. " ކޯޗު ބުންޏެވެ.



ކޯޗު ވަނީ އޭނާއަށް އަމާޒުވި ފާޑުކިއުންތަކަށާއި ބައެއް މީޑިއާތަކުން ޚަބަރު
ފެތުރި ގޮތަށްވެސް ރައްދު ދީފައެވެ. ކޯޗު ބުނީ އޭނާ ކައިރިއަށް އިންޓަރވިއު ހޯދަން
އަންނާނީ އޭނާ ބުނާގޮތަށް މައުލޫމާތު ގެނެސްދޭނަމަ ކަމަށެވެ.



" ޒިންމާ ނަގަން އަހަރެން ޖެހިލުމެއް ނުވޭ، ބިރެއް ނުގަނޭ. ބަލިވެއްޖެ
ނަމަ އޭގެ ޒިންމާ އަހަރެން ނަގާނަން. މޮޅުވެއްޖެ ނަމަ ހުރިހާ ޝުކުރެއް، ތައުރީފެއް
އޮތީ ކުޅުންތެރިންނަށް. އެއީ ކުޅުންތެރިންގެ މަސައްކަތް. " ޕޮޕޯވް ބުންޏެވެ.



ކޯޗު އިތުރަށް ވާހަކަ ދައްކަމުން ބުނީ މަސައްކަތްކޮށްފި ނަމަ ޒުވާން
ކުޅުންތެރިންގެ މުސްތަޤްބަލް އެބައޮތްކަމަށެވެ. ހަމްޒާއާއި އިމާޒް އަދި ޔާމީންފަދަ
ކުޅުންތެރިންގެ މަސައްކަތާއި ކުޅުން ރަނގަޅުކަމަށް ކޯޗު ބުންޏެވެ. ކޯޗު ވަނީ
ޒުވާން ކުޅުންތެރިންނާއެކު ޓީމް ބައްޓަންކޮށް އެކުލަވާލަން ބޭނުންވާކަމަށްވެސް
ބުނެފައެވެ.



ޤައުމީ
ޓީމާއެކު ފުރަތަމަ މޮޅު މިރޭ ހޯދި ކޯޗު ބުނީ އޮތީ ދެގޮތެއްކަމަށެވެ. އެއީ ޒުވާން
ކުޅުންތެރިންނާއެކު އޭނާ ބޭނުންވާގޮތަށް ޓީމް ބައްޓަން ކުރުމުގެ ފުރުޞަތު ދިނުން
ނުވަތަ ކޮންޓްރެކްޓް ބާޠިލްކުރުންކަމަށެވެ.