ޚަބަރު

ހުކުރުނަމާދާއި ތަރާވީޙް ނަމާދާއި އިޙްޔާ ފޯރަމްވެސް ޕީއެސްއެމުން ލައިވްކުރާނެ


ތަރާވީޙް ނަމާދާއި ހުކުރު ނަމާދާއި އިޙްޔާ ފޯރަމްތައް މި ރަމަޟާންމަހުވެސް ޓީވީން ވަގުތުން ދުރައް ދައްކާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް 19ގެ ލޮކްޑައުން ޙާލަތާއި ގުޅިގެން މީހުން އެއްވެ އުޅުން މަދުކުރުމަށް އިސްލާމިކް މިނިސްޓްރިންވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައެވެ. އަދި އެހެން އިސްލާމީ ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ތަރާވީޙް ނަމާދާއި ހުކުރު ނަމާދުވެސް ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީންވަނީ ނިންމަވާފައެވެ.

ޕީއެސްއެމްގެ ނިއުސްއިން ގެނެސްދެމުންދާ ކޯވިޑް 19 ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާޙް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ޓީމެއް މިނިސްޓްރީގައި ލޮކްޑައުންވެފައިވާކަމަށާއި، މި ޓީމުން އާއްމުންނަށް ބޭނުންވާ ދީނީ ޕްރޮގްރާމްތައް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ލައިވްކޮށް ދައްކާ ނަމާދުތަކުގައި ބައިވެރިވާނީ މިނިސްޓްރީގައި ލޮކްޑައުންވެފައިވާ މުޢައްޒަފުންނާއި، ދީނީ އިލްމުވެރިން އެކަނިކަމަށް އަފްރާޙް ވިދާޅުވިއެވެ. މި ނަމާދުތައް ޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.

"ތަރާވީޙް ނަމާދު ލައިވްކުރާނަން. ލޮކްޑައުންވެފައިތިބި އިމާމުންނާއި، މިނިސްޓްރީގެ މުޢައްޒަފުން ބައިވެރިވާނީ. އެއްވެސް އާއްމު މީހަކަށް ބައިވެރިއެއް ނުވެވޭނެ. ނަމާދުގެ ފީޑް ޓީވީތަކަށް ދޫކުރާނަން." އަފްރާޙް ވިދާޅުވިއެވެ.

މީގެއިތުރަށް ދީނީ ކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތައް މިއަހަރުވެސް ޓީވީ މެދުވެރިކޮށް ގެންނާނެކަމަށް އަފްރާހް ވިދާޅުވިއެވެ. އެގޮތުން ދަރުސްތަކާއި، އަދި ދީނީ ސުވާލު ޕްރޮގްރާމެއްވެސް އާއްމުންނަށް ބައިވެރިިވެވޭގޮތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖައްސަވާފައެވެ.

"އާއްމުންނަށް ބައިވެރި ނުވެވުނުނަމަވެސް އިޙްޔާ ފޯރަމް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާނަން. އަދި އަސުރަށްފަހު އޮންނަ ދަރުސްވެސް ގެންނާނަން. މި ހުރިހާ ޕްރޮގްރާމެއް ލައިވްކުރާނަން" އަފްރާޙް ވިދާޅުވިއެވެ.

މިފަދަ ގިނަ ޕްރޮގްރާމަތްތައް ދައްކާނީ ޕީއެސްއެމްގެ މުންނާރު ޓީވީ މެދުވެރިކޮށެވެ. އަދި ޚާއްސަ ކަންކަމުގެ ފީޑް އެހެން ޓީވީތަކަށްވެސް ދޫކުރާނެ ކަމަށް އަފްރާޙް ވިދާޅުވިއެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ގެނެސްދިން ރޭގެ ތަރާވީޙް ނަމާދު މުންނާރު ޗެނަލްއިން ރޭވަނީ ވަގުތުން ގެނެސްދީފައެވެ.

ކުޑަކުދިންނަށް ޚާއްސަކޮށްގެންވެސް ދީނީ ޕްރޮގްރާމެއް މެންދުރު ފަހު މުންނާރު ޓީވީން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަފްރާހް ވިދާޅުވިއެވެ.

އެހެން އަހަރުތަކުގައި ރަށްރަށަށް ދީނި އިލްމުވެރިން ފޮނުވައިގެން ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތައް ބޭއްވިނަމަވެސް، ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަހަރު އެފަދަ ޕްރޮގްރާމްތައް ނުބާއްވާނެ ކަމަށް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.