ޚަބަރު

ކޯވިޑް-19ގެ ނުރައްކާ ފިލައިގެން ނޫނީ އިޤްތިޞާދީ ހަރަކާތްތައް ފެށޭނެ ގޮތެއްނެތް - ރައިސް


ރާއްޖެއިން ކޯވިޑް-19ގެ ނުރައްކާތެރިކަން ފިލައިގެންނޫނީ އިޤްތިޞާދީ ޙަރަކާތްތައް ފެށޭނެ ގޮތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިނުރައްކަލުން އަރައިގަތުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

1441ވަނަ އަހަރުގެ ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެމަނިކުިފާނު ވިދާޅުވީ، ކޯވިޑް-19ގެ ސަބަނުން މުޅި ދުނިޔެއާއި ރާއްޖޭގެ އިޤްތިސާދަށްވެސް ބޮޑެތި ގޮންޖެހުތަކާ ކުރުމަތުވެފައިވާއިރު، މިދަތިކަމުން އަރައިގަތުމަށް ކޮންމެ ދިވެއްސަކުވެސް ގެއިން ބޭރަށް ނުނުކުމެ ކެތްރިކަމާއެކު މިހާރު ކުރިމަތިވެފައިމިވާ ދަތިކަން ތަހައްމަލްކުރުމަކީ ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށެވެ.

އިޤްތިޞާދީ ޙަރަކާތްތައް ފެށޭނީވެސް ކޯވިޑްގެ ނުރައްކަލުން އަރައިގަނެގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންގެންދަނީ މިދަނޑިވަޅުގައިވެސް ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމަށްކަމަށެވެ.

"މި މަސައްކަތް ކާމިޔާބުކުރުމުގައި ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވޭ. މިއީ އަޅުގަނޑުމެންގެ އަތުގައި ހުރި ފުދުންތެރިކަމާއި، ވަސީލަތްތައް އެންމެފުރިހަމައަށް އިޤްތިޞާދުކޮށް އިސްރާފުކުރުމާއި މުޅިން ދުރުހެލިވާންވީ އެންމެ މުހިއްމު ވަގުތު" ރައީސް ވިދާޅުވިއެވެ.

ރޯދައިގެ އަޅުކަމުންލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީ ކާބޯތަކެތި އިޤްތިޞާދުކޮށް އިސްރާފުނުކުރުންކަމަށްވާއިރު، ބޭކާރު ޚަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ރައްތިތުންގެ ކިބައިގައި ހަރުލެއްވުމަށް މިހާލަތުގެ ބޭނުންހިފުން މުހިންމުކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.