ޚަބަރު

ދީލަތިކަން އިސްކޮށް ބޭނުންޖެހިފައިވާ މީހުންނަށް އަޅާލުމަށް ރައީސް އިލްތިމާސްކުރައްވައިފި


ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، ދިވެހި މުޖުތަމަޢުގައި މިވަގުތު އަޅާލުމާއި އޯގާތެރިކަން ބޭނުންވެފައިތިބި މީހުންނަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްދެއްވި ދެއްވި ޚިތާބުގައި އެމަނިކުފާނުވަނީ މިރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނުޔާ ދިވެހި އެންމެހާ ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި މުސްލިމު އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައެވެ.

1441ވަނަ އަހަރުގެ ރަމަޟާންމަސް މި ބައްދަލުކުރީ މިއިންޒަމާނަކުވެސް އިންސާނުންނާއި ކުރިމަތިނުވާފަދަ ވަރުގަދަ އިމްތިޙަނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ހުއްޓުމަކަށްގެނެސް، ޖަމާޢަތުގައި އަދާކުރާ އަޅުކަމުގެ ކަންކަންވެސް މެދުކަނޑާލަންޖެހިފައިވާކަމަށެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރިކަމީ މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް މާތްﷲ މެދުވެރިކުރެއްވި މަތިވެރި ނަސީބެއްކަމުގައި ދެކިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެމުގެ ދޮރުތައްވަނީ ތަނަވަސްކަމާއެކު ހުޅުވިފައި. ގޭގައި ތިބެގެންގެންވެސް ފަރުޟުނަމާދުތައް ބަރާބަރަށް ކުރުމަށް ހުރިހާބޭފުޅުންވެސް، އިސްކަންދެއްވުން މުހިއްމު. ކީތިތި ޤުރުއާންކިޔެވުން އިތުރުކޮށް، ތަރާވީހުނަމާދުކުރުމަށާއި، ދަމުނަމާދުކުރުމަށް ސަމާލުކަން ދެއްވައި ހުރިހާ ބޭފުޅުންވެސް ﷲގެ ހަޟުރަތުގައި ދުޢާދަންނަވަންވީ މިބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތްކޮށްދެއްވާތޯ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިސާދު ދަށަށްގޮސް ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭއަސަރުކޮށް ރައްޔިތުންގެ ތެރެއިންވެސް މިދަނޑިވަޅުގައި މާލީ ގޮތުން ދަތިތަކާއި ކުރިމަތިވެ، ބޯހިޔާވަހިކަމަށްވެސް ބޭނުންވެފައިވާ މީހުން އެބަތިބިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ފުދުންތެރި މީހުން ނިކަމެތި ހާލަތުގައި ދިރިއުޅޭ ރައްޔިތުންނަށް އޯގާތެރިވެ އަޅާލުމަށް އިސްކަންދެއްވުމަށް އިސްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތްސިފަ ކުރިއަށްނެރެ، މުޖްތަމަޢުގައިތިބި ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ހެޔޮފޯރުވައިދީއުޅެން އިސްކަން ދެމާތޯއެވެ. މިއީ ކީތިރި ޤުރުއާނުގެ މައްސަރުކަމައްވާއިރު، އެމާތް ފޮތް އުނަގަންނައިދޭ އެންމެ މަތިވެރި އަޚްލާޤީ ސިފަތަކަކީ އަނެކުންނަށް އޯގާތެރިވެ ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އޯގާތެރިވުމާއި ނިކަމެތިންނަށް އެހީތެރިވުމަކީ މުހިއްމުކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައިވަނީ އަޅުގަނޑުމެން ގެއިން ނުނިކުމެ ތިބިނަމަވެސް އެންމެގެ ހައްޤުގައި އަގުހުރި މުހިއްމު ޚިދުމަތްތައްކެއް ފޯރުކޮށްދޭ އެތައް ޚިދުމަތްތެރިންތަކެއް ތިބިކަން ފާހަގަކޮސް ރައީސް ވަނީ ސިއްޚީ މާހިރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުންގެ އިތުރުން ޚިދުމަތުގައިތިބި އެންމެންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާފައެވެ. އެހެންކަމުން މިނުރައްކާތެރި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންވެސް ގޭގައި ތިއްބެވުމުގެ މުހިންމުކަން އެމަނިކުފާނުވަނީ ތަކުރާރުކޮސް ފާހަގަކުރައްވާފައެވެ.