ޚަބަރު

ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދަނީ ދެމޫސުން ބެދޭ ހިސާބުގައި ޢާއްމުކޮށް ކުރާ ވިއްސާރަކަމަށެވެ. އަދި ކުރިއަށް އޮތް 4 ވަރަކަށް ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިއްސާރަކުރިނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. ނަމަވެސް ޢާއްމުގޮތެއްގައި 6 މޭލާއި 16 މޭލާ ދެމެދު ވައިޖެހުނުނަމަވެސް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވުމަކީ އެކަށީގެންވާ ކަމެއްކަމުގައި މެޓު އޮފީހުން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގެ ރަށްރަށަށް ޢާއްމުގޮތެއްގައި ދަތުރުކުރުން ހުއްޓާލާފައި ވީނަމަވެސް މިހާރުވެސް ޒަރޫރީ ކާބޯތަކެއްޗާއި މުދާ ރަށްރަށަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންކަމުން މިފަރާތްތަކުންވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ މުހިއްމުކަމެކެވެ.